ކާރިސާތަކަށް ވިލުންވެރިކަން އިތުރުކުރަން ޖަޕާނުން 10 މިލިއަން ޑޮލަރުގެ ހިލޭ އެހީ

ފިނޭންސް މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ދަށުން 1.56 ބިލިއަން ޖަޕަނީސް ޔެން (ގާތްގަނޑަކަށް 10.5 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީ ލިބޭނެ ކަމަށެވެ.

ރާއްޖެއަށް ޖައިކާއިން ދިން ހިލޭ އެހީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު. --ފޮޓޯ: ފިނޭންސް މިނިސްޓްރީ

ދިވެހި ސަރުކާރާއި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އާ ދެމެދު މާލޭގައި ކާރިސާތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތައްޔާރުވުމަށް ހިންގޭ މަޝްރޫއުގެ އެހީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ދަށުން 1.56 ބިލިއަން ޖަޕަނީސް ޔެން (ގާތްގަނޑަކަށް 10.5 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީ ލިބޭނެ ކަމަށެވެ. 

މި އެހީގެ ދަށުން މާލޭގެ ކަނޑުތޮށި ވަރުގަދަކޮށް، ވާރޭ ފެން ހިންދުމަށް ބޭނުންވާ އާލާތްތައް ހޯދައި، އުދައާއި ބޯކޮށް ވެހޭ ވާރެއިން ކުރިމަތިވާ ނުރައްކާތައް ކުޑަކުރެވޭނެ އެވެ. 

މި އެހީގެ އެއްބަސްވުމަކީ މިދިޔަ ޖުލައި ޖަޕާނު ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވުނު އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ކުރެވުނު އެއްބަސްވުމެކެވެ. މި މަޝްރޫއުގެ މަގްސަދަކީ މާލޭގައި ކާރިސާތަކަށް ތައްޔާރުވުން ހަރުދަނާކޮށް، ދިރިއުޅުމާއި އިގުތިސާދީ ހަރަކާތްތަކާއި މުޖުތަމައުގެ ރައްކާތެރިކަން ހަރުދަނާ ކުރުމެވެ. 

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ފިނޭންސް މިނިސްޓަރު ހަސަން މިރާސް އެވެ. ޖައިކާގެ ފަރާތުން ސޮއިކުރެއްވީ ޖައިކާ މޯލްޑިވްސް އޮފީހުގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ޓަކި މޮޓޮއޯ އެވެ.

މި ރަސްމިއްޔާތުގައި، މޮޓޮއޯ ދެއްކެވި ވާހަކަފުޅުގައި، މި މަޝްރޫއަކީ ޖަޕާނުން ރާއްޖެއަށް ދެމުން އަންނަ ދިގު މުއްދަތުގެ އެހީތެރިކަމުގެ ބައެއްކަން ފާހަގަކުރެއްވި އެވެ. އަދި 1988 އިން 2006 އަށް ކުރިއަށް ގެންދެވުނު ކަނޑުތޮށިލުމުގެ މަޝްރޫއުތަކުގެ ސަބަބުން، 2004 ރާއްޖެއަށް ދިމާވި ސުނާމީ ކާރިސާގައި މާލެއަށް ލިބުނު ގެއްލުންތައް ކުޑަކުރެވުނުކަން ފާހަގަކުރެއްވި އެވެ. 

މީގެ އިތުރުން، މި އާ މަޝްރޫއުގެ ދަށުން ތޮށިގަނޑު ވަރުގަދަކޮށް، ވާރޭފެން ހިންދުމަށް ހާއްސަ ނިޒާމުތައް ތައާރަފުކޮށް، ގޮނޑުދޮށް ހިމާޔަތްކުރުން ހަރުދަނާކުރެވޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

މިރާސް މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި، މި މަޝްރޫއަކީ ފެނާ ގުޅުންހުރި ކާރިސާތަކުގެ އިތުރުވަމުންދާ ނުރައްކާ ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެއްވި އެވެ. އަދި މި މަޝްރޫއުގެ ސަބަބުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މުހިންމު ރައްކާތެރިކަމެއް ލިބި، އެ މީހުންގެ ސަލާމަތްތެރިކަމާއި ގައުމުގެ އިގުތިސާދީ އަދި އިޖްތިމާއީ ދިރިއުޅުމުގެ ދެމެހެއްޓެނިވިކަން ޔަގީންކޮށްދޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.