"ނޭޕާލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމުގައި ތިބި ދިވެހި ރައްޔިތުންގެ ކަންކަން ވަރަށް ގާތުން މި މިނިސްޓްރީން ބަލަމުން ގެންދާ ވާހަކަވެސް މި ފުރުސަތުގައި ދަންނަވަމެވެ،" އެ ބަޔާނުގައި ބުންޏެވެ.
ނޭޕާލުގައި މިވަގުތު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ގައުމުގެ މަޝްރަޙު އާންމު ހާލަތަށް އަނބުރާ ރުޖޫއަވަންދެން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް ނުކުރުމަށް ސަރުކާރުން އިލްތިމާސްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ހުކުމަކާ އެކު ސޯޝަލް މީޑިއާ ބަންދުކުރުމުން ފެށުނު މުޒާހަރާގައި އިއްޔެ ބޮޑެތި ހަމަނުޖެހުންތައް ހިނގައި ބަޔަކު މަރުވި އިރު 400 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ.
އެ މައްސަލަ ހޫނުވެ އެންމެފަހުން ނޭޕާލުގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ މިއަދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ނޭޕާލުގައި މި ވަގުތު ވެސް އެކި ހިސާބުތަކުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގަމުންދާއިރު، މައި އެއާޕޯޓު ވެސް ވަގުތީ ގޮތުން ބަންދުކޮށް، ގިނަ ސަރަހައްދުތަކުގައި ވަނީ ކާފިއު ހިންގައިފަ އެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، މި ނާޒުކު ދަނޑިވަޅުގައި ނޭޕާލުގެ ކަމާބެހޭ އިދާރާތަކުންނާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަދި މިނިސްޓްރީން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށާއި، ހަމަނުޖެހުން ހިނގާ ސަރަޙައްދުތަކާ ދުރުހެލިވެ، ރައްކާތެރިކަމަށް އިސްކަންދިނުމަށް އެ ގައުމުގައި ތިބި ދިވެހިންނަށް އިލްތިމާސްކޮށްފަ އެވެ.
މީގެއިތުރުން، ކަތަމަންޑޫގެ ގިނަ ސަރަހައްދުތަކެއްގައި ކާފިއު އިއުލާންކޮށްފައިވާތީ، މި ދަނޑިވަޅުގައި ކަތަމަންޑޫގައި ދިރިއުޅޭ އަދި ދަތުރުފަތުރުކުރާ އެންމެހައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއްދީ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގުމައްޗަށް ނުނިކުތުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ، ނޭޕާލުގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ގައުމުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކޮށް، މި ހާއްސަ ހާލަތުގައި ބޭނުންވާ އެހީތެރިކަން ހަމަޖައްސައިދިނުމަށް އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުންނާއި މިނިސްޓްރީން މަސައްކަތްކުރަމުންދާ ކަމަށެވެ.
"ނޭޕާލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމުގައި ތިބި ދިވެހި ރައްޔިތުންގެ ކަންކަން ވަރަށް ގާތުން މި މިނިސްޓްރީން ބަލަމުން ގެންދާ ވާހަކަވެސް މި ފުރުސަތުގައި ދަންނަވަމެވެ،" އެ ބަޔާނުގައި ބުންޏެވެ.
އަދި ނޭޕާލުގެ ހާލަތު ބަދަލުވަމުންދާ ގޮތުން އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުއްވުން އެދެމެވެ.
ގުޅޭނެ ނަންބަރު: 919910040786+
އަދި މީގެއިތުރުން، މިނިސްޓްރީގެ ހޮޓްލައިން ނަންބަރު ކަމުގައިވާ 7983400 އަށް ގުޅޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.