"ބަޖެޓެއް ދިނުމުގެ ބަދަލުގައި ލިބޭ އާމްދަނީން ކައުންސިލްތައް ހިންގުން މާ ރަގަޅު"

"މިގެނެވޭ ހުރިހާ ބަދަލުތަކާއެކީގައި މީގެ ކުރިން ދުވަހަކު ވެސް ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވަން ނުކުރެވޭހާ މަސައްކަތް މިދަނީ ކުރެވެމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ސިޓީސް، ލޯކަލް ގަވަމެންޓް، ޕަބްލިކް ވޯކްސް މިނިސްޓަރު، އާދަމް ޝަރީފް

ލޯކަލް ކައުންސިލްތަކަށް ކަނޑައަޅާ ބަޖެޓަކަށް ބަރޯސާ ވުމުގެ ބަދަލުގައި، ލިބޭ އާމްދަނީ އިތުރުކޮށްގެން ކަންކަން ހިންގާނަމަ މުސްތަގިއްލުކަމާއެކީގައި ހިންގުމުގެ ފުރުސަތު ބޮޑުވެގެން ދާނެ ކަމަށް ސިޓީސް، ލޯކަލް ގަވަމެންޓް، ޕަބްލިކް ވޯކްސް މިނިސްޓަރު، އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާޙަކަދައްކަވަމުން މިނިސްޓަރު ރޭ ވިދާޅުވީ ކައުންސިލްތަކުގެ ބަޖެޓް ރިފޯމް ކުރެވުމުގެ ތެރެއިން ކުރެވޭ މަސައްކަތުގެ ތެރެއިން، ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓްގެ ތެރެއިން ރައްކާކުރެވޭ ނުވަތަ އިތުރުކުރެވޭ ފައިސާ މުނިސިޕަލް ކަންތައްތަކަށް ބޭނުންކުރެވޭނެ ކަމަށެވެ.

މިނިސްޓަރު ވަނީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމަށް ސަރުކާރުން މިހާތަނަށް ނިންމާފައިވާ ބައެއް ނިންމުންތަކަށް އަލިއަޅުއްވާލައިފަ އެވެ. އެގޮތުން، ކައުންސިލްތަކަށް ދިގު މުއްދަތަކަށް ފަޅުރަށްތައް ކުއްޔަށް ދޫކުރުމާއި، ބައެއް ރަށްރަށުގެ އިހުތިސޯސްތެރޭގައި ފަޅު ރަށްތައް ހިމަނަމުންދާކަން ފާހަގަކުރެއްވި އެވެ. މިއީ އެއްވެސް ސަރުކާރަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތެއް ނޫންކަން ވެސް ފާހަގަކުރެއްވި އެވެ.

"މިގެނެވޭ ހުރިހާ ބަދަލުތަކާއެކީގައި މީގެ ކުރިން ދުވަހަކު ވެސް ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވަން ނުކުރެވޭހާ މަސައްކަތް މިދަނީ ކުރެވެމުން،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދައުލަތުން ބަޖެޓުގެ ގޮތުގައި ކަނޑައަޅާ ވަކި ބަޖެޓެއް ދީގެން ކައުންސިލްތައް ބާރުވެރިކުރުވުގެ ބަދަލުގައި މުހިންމީ މުސްތަގިއްލު ކަމާއެކު ލިބޭ ވަސީލަތްތައް ބޭނުންކޮށްގެން އެރަށަކަށް، ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރުކުރުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އެހެންނޫނީ އަބަދުވެސް ސަރުކާރުގެ މައި ބަޖެޓުން ލިބޭ ބަޖެޓުން ލިބޭ އާމްދަނީއަކަށް ބަރޯސާވުމުގެ ފުރުސަތު އޮންނާނެ. އެކަމަކު މިހާރު ރައީސުލްޖުމްހޫރިއްޔާ އެ ގެންދަވާ ސިޔާސަތުގެ ދަށުން އެހެން ވަސީލަތްތައް، މިސާލަކަށް ފަޅުރަށްތައް ނުވަތަ ބިންތައް ބޭނުންކޮށްގެން ލިބޭ އާމްދަނީ އިތުރުވެގެން ދިޔަ ވަރަކަށް ކައުންސިލްތައް އޭގެ ޒާތުގައި މާ މުސްތަގިއްލުކަމާއެކީގައި ހިންގުމުގެ ފުރުސަތު އޮންނާނެ،"

އެމޭރުމުން ވިސްނައިފިނަމަ، ލާމަރުކަޒީ ނިޒާމް އެންމެ ރަގަޅަށް މާލީ ގޮތުން ބާރުވެރިވެގެންދާނެ ގޮތަށް ރައީސް ގެންގުޅުއްވާ ސިޔާސަތަކީ މިހާރު ވެސް މުސްތަގުބަލުގައި ފައިސާ ކުރާނެ ސިޔާސަތެއްކަން ފާހަގަކުރެއްވި އެވެ.

ލާމަރުކަޒީ ގާނޫނަށް މިހާރު ގެނެސްފައިވާ ބަދަލުތަކާއެކީ ކައުންސިލްތަކަށް ލިބޭ މާލީ ބާރުވެރިކަން ހަނިވެގެން ދާނެ ކަމަށް ވަރަށް ކައުންސިލްތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް ސަރުކާރުން ބުނަނީ އޭގެ ސަބަބުން ރައްޔިތުންނަށް އޮތް ފައިދާ ވަރަށް ބޮޑު ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.