ރާއްޖޭގެ އެތެރޭގެ ދަރަނީގެ ޖުމްލަ ނަމްބަރު ހުރި 86.6 ބިލިއަން ރުފިޔާގަ އެވެ. މި ދަަރަނީގެ ތެރޭން 34,6 ބިލިއަން ރުފިޔާ ނުވަތަ ދަރަނީގެ %40 ހިއްސާ ވަނީ ވިޔަފާރި ބޭންކްތަކެވެ.
ރާއްޖޭގެ ޖުމްލަ ދަރަންޏާއެކު އެތެރޭގެ ދަރަނި އިތުރުވަމުންދާއިރު، މި ދަރަނީގެ ފުލް ކޮންޓްރޯލް މިވަގުތު އޮތީ ރާއްޖޭގައި އޮޕަރޭޓް ކުރަމުން ގެންދާ ވިޔަފާރި ބޭންކްތަކުގެ އަތްމަތީގަ އެވެ.
ފިނޭންސް މިނިސްޓްރީން އެންމެފަހުން ނެރުނު ދަރަނީގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި ރާއްޖޭގެ އެތެރޭގެ ދަރަނީގެ ޖުމްލަ ނަމްބަރު ހުރި 86.6 ބިލިއަން ރުފިޔާގަ އެވެ. މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި 76 ބިލިއަން ރުފިޔާގައި ހުރި އަދަދެކެވެ. އަދި މިހާރު އެތެރޭގެ ދަރަނި ވަނީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީން ބަލާނަމަ 72.1 ޕަސެންޓް އުފުލިފަ އެވެ.
ބޮޑުވަމުންދާ މި ދަރަނީގެ ތެރޭން ވިޔަފާރި ބޭންކްތަކުގައި ދަރަނީގެ ޖުމްލަ އަދަދު ހުރީ 34,6 ބިލިއަން ރުފިޔާގަ އެވެ. މިއީ ޖުމްލަ ދަރަނީގެ 40 ޕަސެންޓް ހިއްސާ އެކެވެ. އެހެންވެ އެތެރޭގެ ދަަރަނީގެ ލަގަން މިހާރު އޮތީ ވިޔަފާރި ބޭންކްތަކުގެ ފުލް ކޮންޓްރޯލްގަ އެވެ. މި ބޭންކްތަކުގެ ތެރޭގައި ރާއްޖޭގެ ބޭންކްތަކުގެ އިތުރުން އަވަށްޓެރި ގައުމުތަކުގެ ބޭންކްތައް ގިނަ އެވެ.
ފިނޭންސުގެ މައުލޫމާތުތައް ދައްކާ ގޮތުން ބޭންކްތައް ނަގާފައި ދެން އެތެރޭގެ ދަރަނީގެ އެންމެ ބޮޑު ހިއްސާއެއް އޮތީ އެހެން މާލީ އިދާރާތަކުގަ އެވެ. އެއީ އެތެރޭގެ ދަރަނީގެ 36.1 ޕަސެންޓެވެ.
މި ދަރަނީގެ ތެރޭން ވިޔަފާރި ބޭންކްތަކުން އެންމެ ބޮޑަށް އިންވެސްޓްކޮށްފައިވަނީ ސަރުކާރުން ކޮންމެ ހަފުތާއަކު ވިއްކާ ޓްރެޒަރީ ބޮންޑް ނުތަތަ ޓީބިލް އަށެވެ. ޓީބިލްގެ ގޮތުގައި ހުރި އަދަދު 49,1 ބިލިއަން ރުފިޔާއަށް އަރަ އެވެ. މި ޓީބިލްގެ ތެރޭގައި ހިމެނެނީ ދިވެހި ރުފިޔާގެ 39 ބިލިއަން ރުފިޔާގެ ޓީބިލް އާއި ޑޮލަރު ޓީބިލްގެ ގޮތުގައި ސަރުކާރުން ވިއްކި 6,1 މިލިއަން ޑޮލަރުގެ ޓީބިލް އެކެވެ. އަދި ބޮންޑުގެ ދަރަނީގެ ނަމްބަރު 36,2 ބިލިއަން ރުފިޔާ އެވެ. ބޮންޑުގެ ތެރޭގައި ހިމެނެނީ 120 މިލިއަން ރުފިޔާގެ މުބާރަހާ ބޮންޑެވެ. މީގެ އިތުރުން ދެން ހިމެނެނީ ވަކާލާ- ބައި އަލްއިސްތިވާމާ ބިލިއަން ރުފިޔާގެ ޓީބިލެވެ. އަދި ލޯނުގެ ގޮތުގައި ސަރުކާރަށް މިހާތަނަށް 445.70 މިލިއަން ރުފިޔާ އެތެރޭން ދީފައިވެ އެވެ.
ސަރުކާރު ހިންގަން އެތެރޭން އިތުރުވި ދަރަނީގެ ތެރޭން ބޮޑުބައެއް ހިއްސާ ކުރަނީ ދިވެހި ރުފިޔާގެ ދަރަންޏެވެ. ދަރަނީގެ ތެރޭން 70 ބިލިއަން ރުފިޔާ ނުވަތަ % 82 އަކީ ދިވެހި ރުފިޔާގެ ދަރަންޏެވެ. އަދި 15,1 ބިލިއަން ރުފިޔާއަކީ ޑޮލަރުގެ ދަރަންޏެވެ.
ދަރަނީގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި އެތެރޭގެ ދަރަނީގެ ތެރޭން % 57 އަކީ ކުރު މުއްދަތުގެ ދަރަންޏެވެ. އަދި % 43 ހިއްސާއަކީ ދިގު މުއްދަތުގެ ދަރަންޏެވެ. އަދި މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސަރުކާރުން ވަނީ މަރުކަޒީ ބޭންކްއަށް 69.0 މިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި ދައްކާފަ އެވެ. އަދި ވިޔަފާރި ބޭންކްތަކަށް ދަރަނި އަދާކުރަން 433.0 މިލިއަން ހަރަދުކޮށްފައިވެ އެވެ. މީގެ އިތުރުން އެހެންނިހެން ފައިނޭންޝަލް އިންސްޓިޓިއުޓްތަކަށް 310.3 މިލިއަން ހަރަދު ކުރި އެވެ. އަދި އަމިއްލަ މީހުންނަށް ދަރަނި އަދަދާކުރަން 1.2 މިލިއަން ހަރަދުކޮށްފައިވާއިރު ޕަބްލިކް ނޮން ފައިނޭންޝަލް ކޯޕަރޭޝަންތަކަށް 29.6 މިލިއަން ދައްކާފައިވެ އެވެ.
ރާއްޖޭގެ ޖުމްލަ މި އަަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ހުރީ 148,9 ބިލިއަން ރުފިޔާ ނުވަތަ 150 ބިލިއަން ރުފިޔާގަ އެވެ. މީގެތެރޭގައި ހިމެނެނީ އެތެރޭގެ ދަރަނީގެ ގޮތުގައި ހުރި 86.6 ބިލިއަން ރުފިޔާ އާއި ބޭރުގެ ދަރަނީގެ ގޮތުގައި ހުރި 62.3 ބިލިއަން ރުފިޔާ އެވެ. - މި އަހަރުގެ ބަޖެޓުގައި ވެސް ދަރަނި 150 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. މި އަހަރު ފެނުނުއިރު ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 146,7 ބިލިއަން ރުފިޔާގަ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން ބަލާނަމަ % 122 އެވެ. އަދި އެ މުއްދަތުގެ ނިޔަލަށް ބޭރުގެ ދަރަނި ހުރީ 61 ބިލިއަން ރުފިޔާގަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ 84 ބިލިއަން ރުފިޔާގަ އެވެ.
ރާއްޖޭގެ ދަރަނީގެ ނިސްބަތް ޖީޑީޕީގެ ނިސްބަތުން މައްޗަށް ޖެހިލާފައި މިވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދަށުގައި ހުރުމަށްފަހު އެވެ. މިއީ 2024 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ރާއްޖޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 133 ޕަސެންޓަށް އުފުލުމަށްފަހު ދަރަނި މަތިވުމެއް އައި ފުރަތަމަ ފަހަރެވެ.