"ޕްލޭނެއް އެކުލަވައިލުމުގެ ބޭނުމެއް މިހާރު އޮތްކަމަށް މި ޕާޓީން ނުދެކެމެވެ. އަދި އެކަމުގައި، ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްކަމަކަށްވެސް ނުދެކެމެވެ،"
ގައުމީ ތަރައްގީގެ ޕްލޭނެއް ތަންފީޒުކުރުމުގައި މި ސަރުކާރުގެ ހެޔޮ ނިޔަތެއް ނެތް ކަމަށް ބުނެ، އެ ޕްލޭނު އެކުލަވައިލުމުގެ މަސައްކަތުގައި ބައިވެރިނުވާން އިދިކޮޅު އެމްޑީޕީން ނިންމައިފި އެވެ.
ކުރިއަށް އޮތް 20 އަހަރަށް ރާއްޖޭގެ އުމްރާނީ އަދި އިޖުތިމާއީ ތަރައްގީގެ ގައުމީ ޕްލޭނެއް އެކުލަވައިލުމަށް ނިންމައި، އެކަމުގައި ކަމާގުޅޭ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހިމަނަން، ނެކްސިއާ މޯލްޑިވްސް ނަމަކަށް ކިޔާ ކޮންސަލްޓަންޓަކާ ހަވާލުކޮށްގެން މަސައްކަތް ވަނީ ފަށައިފަ އެވެ.
އެކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ދުރު ރާސްތާއަށް އަމާޒުކޮށްގެން އެކުލަވައިލާ، ގައުމީ ތަރައްގީގެ ޕްލޭނެއް އޮތުމަކީ ނުހަނު މުހިންމު ކަމެއްކަމަށް ގަބޫލުކުރިޔަސް، މިފަދަ ޕްލޭނެއް އެކުލަވައިލުމުގެ ނަމުގައި، މި ސަރުކާރުން މިހާރު ކަންކަން ކުރަމުން ގެންދާ ގޮތާމެދު އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.
"ގައުމީ ތަރައްގީގެ ޕްލޭން އެކުލަވައިލަނީ ކުރިއަށް އޮތް 20 އަހަރަށް ކަމަށް ކަނޑައަޅައިފައި ވަނީ ކިހިނެތްކަމާއި، އެ ނިންމުން ނިންމުމުގައި މަޝްވަރާކޮށްފައި ވަނީ ކޮން ފަރާތްތަކަކާ ކަން އެނގޭކަށް ނެތެވެ،" އެ ބަޔާނުގައި ބުންޏެވެ.
އަދި މިފަދަ ޕްލޭނެއް އެކުލަވައިލައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވުމަށްފަހު، އެއްވެސް ޕްލޭނެއް ނެތި، މިހާރުވެސް އެއާޕޯޓް އެޅުމާއި، އުމްރާނީ އެކިއެކި މަޝްރޫއުތައް އިއުލާނުކުރުމާއި، ފަށައިފައި ނުނިމި އެތައް ކަމެއް ހުރިއިރު، ބައެއް ތަންތަނުގައި އަލަށް މަސައްކަތް ފަށަމުންދާކަން ފާހަގަކުރެވޭ ކަމަށް އެމްޑީޕީން ބުންޏެވެ.
މިގޮތުން، މާލެ ސަރަހައްދުގައި ބިން ހިއްކަން ފަށައިފައި ހުރި ތަންތަން ނުނިންމައި، ފުށިދިއްގަރުފަޅު ހިއްކުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދާއިރު، އަތޮޅު ކައުންސިލުތައް އުވައިލުމަށް އަދި ރަށްރަށުން މީހުން ބަދަލުކުރުމަށްވެސް އިއުލާނުކުރަމުންދާކަން އެމްޑީޕީން ފާހަގަކުރި އެވެ.
"މިހެންކަމުން، ޕްލޭނެއް އެކުލަވައިލުމުގެ ބޭނުމެއް މިހާރު އޮތްކަމަށް މި ޕާޓީން ނުދެކެމެވެ. އަދި އެކަމުގައި، ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްކަމަކަށްވެސް ނުދެކެމެވެ،" އެމްޑީޕީން ބުންޏެވެ.
މީގެއިތުރުން، އެމްޑީޕީން ބުނި ގޮތުގައި، މި ސަރުކާރުން ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތައް އަމަލުނުކުރުމާއި، އުސޫލުތަކާ ހިލާފަށް ކަންކަން ކުރަމުން ގެންދިޔުމާއި، އަދި ދައުލަތުގެ ނިޒާމުތަކަށް ހުރުމަތްތެރިކޮށް ނުހިތުން މި ވަނީ އާއްމުކަމަށް ވެފަ އެވެ.
"ތިމާވެށި ހިމާޔަތްކުރުމުގެ ގަވާއިދުތައް ފަދަ، ކުރިންސުރެ އެކަށައަޅައިފައިހުރި ހަރުދަނާ އުސޫތައްވެސް ކުއްލިއަކަށް ދަނީ ބަދަލުކުރަމުންނެވެ. ކަން މިހެން އޮތް އިރު، އަލުން އެކުލަވައިލާ ޕްލޭނަކަށް ޢަމަލުކުރާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ،" އެމްޑީޕީން ބުންޏެވެ.
އެހެންކަމުން މި ވަގުތު އެ ކަމުގައި ބައިވެރިވުމަކީ ބޭނުންތެރިކަމެއް ކަމަށް ނުދެކޭ ކަމަށް އެ ބަޔާނުގައި ބުނެފައި ވެ އެވެ.