އަހުމަދިއްޔާއަކީ، ދިވެހި ތައުލީމީ ދާއިރާގައި ވަޅުލެވުނު ކުޑަ އޮށަކުން ހެދިބޮޑުވެ، ގައުމަށް އިލްމީ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ ސްކޫލެއްކަން އެ ކަމަނާ ފާހަގަކުރެއްވި އެވެ.

އަހުމަދިއްޔާ ސްކޫލަކީ މާނަފުން ތާރީހަކާއި ފަހުރުވެރި އެތައް ކާމިޔާބީތަކެއް ހޯދާފައިވާ، އަދި ޒިންމާދާރު އެތައް ދަރީންނެއް ބިނާކޮށްފައިވާ ސްކޫލެއް ކަމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސާނަވީ ދަރިވަރުންގެ އަހަރީ އިނާމު ދިނުމަށް އިއްޔެ ހެނދުނު ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން، އެ ކަމަނާ ވަނީ، ސްކޫލު އުފެދިގެން މިއަދާ ހަމައަށް ދެމިއޮތުމުގައި ޖަމާއަތުގެ ގުޅުމާއި، ބެލެނިވެރިންގެ އެއްބައިވަންތަކަމާއި، އެކަކުއަނެކަކަށް އޮތް ހެޔޮއެދުމުގެ ރޫހުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.
އަހުމަދިއްޔާއަކީ، ދިވެހި ތައުލީމީ ދާއިރާގައި ވަޅުލެވުނު ކުޑަ އޮށަކުން ހެދިބޮޑުވެ، ގައުމަށް އިލްމީ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ ސްކޫލެއްކަން އެ ކަމަނާ ފާހަގަކުރެއްވި އެވެ.
ތައުލީމް ހާސިލުކުރުމަށް ލިބިފައިވާ ނަސީބަކީ ބޮޑު ނިއުމަތެއްކަން ފާހަގަކުރައްވައި، އެ ކަމަނާ ވަނީ އެކަމުގައި ބޮޑު ޒިންމާއެއްވެސް އޮންނަކަން ދަރިވަރުންނަށް ހަނދާންކޮށްދެއްވާފަ އެވެ.
އުނގެނުމުގެ ދަތުރަކީ ނިމޭނެ ދަތުރެއް ނޫންކަމަށާއި، ދުރަށް ދިޔަވަރަކަށް އެ ދަތުރުގެ ނިމުމެއް ނެތްކަން ފެންނާނެކަން ފާހަގަކުރައްވައި އެކަމަށްޓަކައި ދަރިވަރުން ވިސްނަންޖެހޭ ބައެއް ކަންކަން އެ ކަމަނާގެ ވާހަކަފުޅުގައި ހަނދާންކޮށްދެއްވި އެވެ.
އެގޮތުން ދިވެހި ގައުމަށް ފާރަވެރިވެ، އަހުލާގު ރަނގަޅު، މަސައްކަތްތެރި، ހީވާގި، އަދި ދުނިޔެއަށް ލޯ ހުޅުވިފައިވާ މުސްލިމް ދިވެއްސަކަށް ވުމަށް އެ ކަމަނާ ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ. ދިރިއުޅުމުގައި ގަދަރާއި އިއްޒަތްލިބި، މަތިވެރި އަހުލާގާއި ހެޔޮވިސްނުންތެރިކަމާއެކު ލިބިފައިވާ އިލްމު ވެގެންދާނީ އިންސާނިއްޔަތަށް އޮތް ހިޔާވައްސަކަށްކަން އެ ކަމަނާ ދަރިވަރުންނަށް ހަނދާންކޮށްދެއްވި އެވެ.
އެ ކަމަނާގެ ވާހަކަފުޅުގައި މުސްލިމު ދިވެއްސެއްގެ ގޮތުގައި ދަރިވަރުން ބިނާކުރެވޭކަން ކަށަވަރުކުރެއްވުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ. އެކަން ކަށަވަރުކުރެވޭނީ ގޭތެރެއިން ފެންނަ ނަމޫނާތަކާއި، އަމަލުކުރެވެމުންދާ ހެޔޮލަފާ، ރީތި، ގޮތްތަކުން ކަމަށްވާތީ، ގޭތެރެއިންނާއި ވެށީގެ ތެރެއިންވެސް އެކަން ކަށަވަރުކޮށްދެއްވުމަށް އެ ކަމަނާ ބެލެނިވެރިންނާއި މުދައްރިސުންގެ ފަރާތުން އެދިވަޑައިގެންނެވި އެވެ.
އިއްޔެގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ސާޖިދާ ވަނީ ''ބްރިލިއަންސް ޓީޗަރު'' އަދި ''ބެސްޓް އޯވަރޯލް ޓީޗަރު'' އިނާމު ލިބިވަޑައިގެންނެވި ޓީޗަރުންނަށް އިނާމު ހަވާލުކޮށްދެއްވާފަ އެވެ.
މީގެ އިތުރުން ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން ގައުމީ ގަދަ ދިހައެއްގެ އެއްވަނައަށް ހޮވުނު ދަރިވަރާއި، ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން މުޅި ދުނިޔެއިން އެކިވަނަ ހޯދި ތިން ދަރިވަރުންނާއި ''ބެސްޓް އޯލްރައުންޑް'' ހަސިލްކުރި ތިން ދަރިވަރުންނަށްވެސް އިނާމު ހަވާލުކޮށްދެއްވީ އެ ކަމަނާ އެވެ.