މިދިޔަ އަހަރު ޓީޓީ ހަދަން ވިޔަފާރިތަކަށް ބީއެމްއެލް އިން ދޫކުރީ 10-5 ފަސެންޓެވެ. ނަމަވެސް މި އަހަރު މި އަދަދު ވަނީ 50-30 ޕަސެންޓަށް އިތުރުކޮށްފަ އެެވެ.
ވިޔަފާރިތަކުން މުދާ އެތެރެ ކުރަން ޓީޓީ ހަދަން މިދިޔަ އަށް މަހު 73 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.1 ބިލިއަން ޑޮލަރު) ވިއްކައިފި އެވެ.
ބީއެމްއެލް އިން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ ޑިސެމްބަރު މަހުގެ ނިޔަލަށް ވިއްކާފައިވަނީ 69 މިލިއަން ޑޮލަރެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް 73 މިލިއަން ޑޮލަރު ވަނީ ވިއްކާފަ އެވެ.
މިދިޔަ އަހަރު ޓީޓީ ހަދަން ވިޔަފާރިތަކުން އެދުނު އަދަދުގެ ތެރޭން ދޫކުރެވިފައިވަނީ 10-5 ފަސެންޓެވެ. ނަމަވެސް މި އަހަރު ޓީޓީ ހަދަން ދޫކުރި އަދަދުން 50-30 ޕަސެންޓުގެ އަދަދެއް ވަނީ ދޫކޮށްފަ އެވެ.
ގައުމީ ބޭންކްއިން ވިޔަފާރިތަކަށް ދޫކުރި ޑޮލަރުގެ މިންވަރު މަތިވެފައި މިވަނީ ރާއްޖޭގެ މަނިޓަރީ ސިޔާސަތު ތަންފީޒު ކުރަން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އަޅަން ފެށި ފިޔަވަޅުގެ ދަށުން، ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރަން ފެށުމުންނެވެ. ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރުގައި ޒަމާނުއްސުރެ އޮންނަ ޑިމާންޑް އަދި ސަޕްލައި މިސްމެޗްއަށް ހައްލެއް ހޯދުމުގެ ގޮތުން، އޮކްޓޯބަރު 2024 ގައި ބޭރު ފައިސާއާބެހޭ ގަވާއިދު އަދި ޑިސެމްބަރު 2024 ގައި ބޭރު ފައިސާއާބެހޭ ޤާނޫނެއް އެކުލަވާލައި ބޭރު ފައިސާ އިން އާމްދަނީ ލިބޭ ފަރާތްތަކުގެ ބޭރު ފައިސާގެ އާމްދަނީގެ ޖުމްލަ އަދަދު ރާއްޖޭގެ ބޭންކަކަށް ޖަމާކުރުމަށާއި އޭގެ ވަކި މިންވަރެއް ރާއްޖޭގެ ބޭންކިން ނިޒާމަށް މާރުކުރުމަށް ގާނޫނުން މިހާރު ލާޒިމުކުރެއެވެ.
މި ފިޔަވަޅާއެކު 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން 2025 ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށް ބޭރު ފައިސާއާބެހޭ ގާނޫނާއި ގަވާއިދުތަކުގެ ދަށުން ކޮންމެ ހަފްތާއަކު ބޭންކުތަކަށް މާރުކުރާ ފައިސާގެ ތެރެއިން 60 ޕަސެންޓް އެމްއެމްއޭއަށް ވިއްކުމަށް ބޭންކުތަކަށް އަންގާފައިވެ އެވެ. އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުގައި މި ފިޔަވަޅުތަކުގެ ސަބަބުން ދައުލަތުގެ ރަސްމީ ރިޒާވްއަށް ވެސް ހެޔޮ ބަދަލު ތަކެއް އައިސްފައިވެ އެވެ.
މި އަހަރުގެ ޖޫން މަހުން ފެށިގެން ކޮންމެ ހަފްތާއަކު ބޭންކުތަކުން އެ އޮތޯރިޓީއަށް ވިއްކަންޖެހޭ 60 ޕަސެންޓްގެ އިތުރުން އިތުރު 30 ޕަސެންޓް ގާނޫނުގެ ދަށުން އެމްއެމްއޭ އަށް ވިއްކަންޖެހޭނެ ކަމަށް ކަނޑައެޅި އެވެ. އަދި ބޭންކުތަކުން އިތުރަށް މާރުކުރާ މި 30 ޕަސެންޓް އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފްތާއަކު ވިއްކަން ފެށި އެވެ.
މި ބަދަލުގެ ސަބަބުން އެންމެފަހުން އެމްއެމްއޭއިން އާއްމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ބޭންކިން ނިޒާމަށް މާރުކުރި ޑޮލަރުގެ އަދަދު 247.2 މިލިއަން ޑޮލަރަށްވުރެ މަތިވެފައިވެ އެވެ. އަދި ރާއްޖޭގެ ޖުމްލަ ރިޒާވް އެވްރެޖުކޮށް 800 މިލިއަން ޑޮލަރުގައި ހުރިއިރު، ޔޫޒަބަލް ރިޒާވްވެސް އެވްރެޖުކޮށް ހުންނަ މިންވަރުގައި ހިފެހެއްޓިފަ އެވެ. ރިޒާވަށް ލިބޭ ބޭރު ފައިސާގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުން ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ އެވެ. މިގޮތުން، މި އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ސަރުކާރަށް ޓެކުހާއި ފީގެ ގޮތުގައި ލިބުނު ބޭރު ފައިސާގެ އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 30 ޕަސެންޓުން އިތުރުވެފަ އެވެ. އަދި ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ އަދަދުގެ ތެރެއިން، ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ އަދަދުގެ ގޮތުގައި ޖުލައި މަހުގެ ނިޔަލަށް ޖުމްލަ 247.2 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެ އެވެ.