ދަ އިވެންޓްސްގެ ނަމުގައި ތައާރަފު ކުރި މި ކަލަންޑަރުން މުޅި ރާއްޖޭގައި ކުރިއަށްދާ ހުރިހާ އިވެންޓްތަކެއް އެއް ޕްލެޓްފޯމަކުން ދައްކުވައިދޭނެ އެވެ.
ރާއްޖޭގެ ޓޫރިޒަމާ ގުޅުންހުރި އިވެންޓްތައް ޕްރޮމޯޓްކުރަން ވިޒިޓް މޯލްޑިވްސް ނުކުމެ މުޅިން އަލަށް ޕްލެޓްފޯމެއް ތައާރަފުކޮށްފި އެވެ.
ރާއްޖޭގެ ޓޫރިޒަމް ކުންފުނި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ތައާރަފުކުރި ދަ އިވެންޓްސް ކަލަންޑާއަކީ މުޅި ރާއްޖޭގައި ކުރިއަށްދާ ހުރިހާ އިވެންޓްތަކެއް އެއް ޕްލެޓްފޯމަކުން ދައްކުވައިދޭނެ ޕްލެޓްފޯމެކެވެ. އެގޮތުން ރާއްޖޭގައި ކުރިއަށް ގެންދާ އެކިއެކި ފެސްޓިވަލްތަކާއި ކުޅިވަރުގެ އެކި ހަރަކާތްތަކުން ފެށިގެންް މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި މައުރަޒުތަކުގެ މަޢުލޫމާތު ހޯދުމުގެ މައި ހަބެއްގެ ގޮތުގައި މި ޕްލެޓްފޯމް މަސައްކަތްކުރާނެއެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ މި އިވެންޓް ކަލަންޑަރުގެ ސަބަބުން ސްޓޭކްހޯލްޑަރުންނަށް އެމީހުންގެ އިވެންޓްތައް ކުރިއާލާ ޕްރޮމޯޓްކޮށް، ލޯކަލް އަދި އިންޓަނޭޝަނަލް ލެވަލެއްގައި ފުޅާ ދާއިރާއެއްގައި ވާސިލްވުމުގެ އަގުހުރި ފުރުސަތެއް ލިބިގެންދާނެ އެވެ.
ދިވެހި ރާއްޖޭގެ ހާއްސަ ސިފަތަކާއި ފަތުރުވެރިން ގަޔާވާނެ ފަދަ ފަރުމާތަކާއެކު، މި ކަލަންޑަރުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުންނާއި ރިސޯޓުތަކުންނާއި އަދި ރަށްރަށުން އަހަރު ތެރޭގައި ރާވާފައިވާ ހަރަކާތްތައް ހިމެނިފައިވާނެ އެވެ. ސަގާފީ ހަރަކާތްތަކުން ފެށިގެން، ކުޅިވަރު މުބާރާތްތަކާއި ވެލްނަސް ރިޓްރީޓްތަކާއި އަދި ކެއްކުމާއި ކާބޯތަކެތީގެ ޝޯވކޭސްތަކާއި ހަމައަށް ދިވެހިރާއްޖެއަކީ ފަތުރުވެރިންގެ ހަނދާނުގައި ދެމިހުންނާނެ ފަދަ މަންޒިލަކަށް ވާނެފަދަ ހުރިހާ ކަމެއް މިޕްލެޓްފޯމުގެ ޒަރިއްޔާއިން އެއްތަނަކުން ފެންނަން ހުންނާނެއެވެ.
އަލަށް ތައާރަފުކުރެވުނު މި ޚިދުމަތަކީ އެކްޕީރިއެއްޝަލް އަދި އެޑްވެންޗާ ފަތުރުވެރިކަން ކުރިއެރުވުމަށް ދެވޭ އިތުރު ހަރުފަތެކެވެ. މި ކަލަންޑަރުގައި ދިވެހި ރާއްޖެއަށް ޒިޔާރަތްކުރާ މަޝްހޫރު ޝެފުންގެ ރެސިޑެންސީތަކާއި ރާޅާއެޅުމުގެ ފެސްޓިވަލްތަކާއި ފުޓުބޯޅަ ކުލިނިކުތަކުގެ އިތުރުން، ވެލްނަސް ރިޓްރީޓްތަކާއި ތަފާތު އެކި ރެކޯޑް މުގުރާލުމަށް ހިންގޭ ހަރަކާތްތަކުގެ މައުލޫމާތު ވެސް ލިބެން ހުންނާނެއެވެ. މިތަނުން އެއްވެސް ހަރަކާތެއްގައި ބައިވެރިވުމަށް އެދޭނަމަ މި ޕްލެޓްފޯމް މެދުވެރިކޮށް ވަގުތުން ބޭނުންވާ ހަރަކާތަކާ ގުޅުމުގެ އިތުރުން ހިލޭ ބައިވެރިވެވޭ ހަރަކާތްތަކުގެ މަޢުލޫމާތު ފަސޭހައިން ހޯދޭނެ އެވެ.
މި ކަލަންޑަރާއެކު ރާއްޖޭގައި ފާހަގަކުރާ އެކި މުނާސަބަތުތަކާއި ރާއްޖޭގައި ކުރިއަށް ގެންދެވޭ ހުރިހާ ހަރަކާތްތަކާއި މުބާރާތްތައް މުޅި ދުނިޔެއާއި ހިއްސާ ކުރެވިގެންދާނެއެވެ. ދިވެހި ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ ލާމަސީލު މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް، މި ކަލަންޑަރު އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާނެ މަޢުލޫމާތު ހިއްސާކުރަމުން ގެންދިއުމަށް، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެމްބަރުންނާއި ، ރިސޯޓްތަކާޢި، ގެސްޓްހައުސްތަކާއި، ސަފާރީ އުޅަދު އޮޕަރޭޓްކުރާ ފަރާތްތަކާއި ރަށު ކައުންސިލްތަކާއި، ފަތުރުވެރިކަމުގެ ސިނާޢަތުގެ ބައިވެރިންނަށް ދަޢުވަތު އަރުވަމެވެ