އެސްއެމްއީ ބޭންކް އުފެދުނުފަހުން ސަރުކާރުން 1.1 ބިލިއަން ރުފިޔާ ވަނީ އެ ކުންފުންޏަށް ޕަންޕްކޮށްފަ އެވެ. ނަމަވެސް ފަސް އަހަރު އޮތީ ގެއްލުމުގަ އެވެ. ނަމަވެސް މިދިޔަ ދެ އަހަރު 45.21 މިލިއަން ރުފިޔާގެ ފައިދާވެފައިވެ އެވެ.
ގައުމީ ބޭންކް، ދާދިފަހުން ގަތް އެސްއެމްއީ ބޭންކަށް މިހާރު ފައިދާވާން ފެށިނަމަވެސް ދޫކޮށްފައިވާ ލޯނުގެ % 41 ދައްކަން ޖެހޭ މުއްދަތަށް ނުދައްކާ އޮތްކަން އޮޑިޓަ ޖެނެރަލް ފާހަގަ ކުރައްވައިފި އެވެ.
އޮޑިޓަ ޖެނެރަލް ނެރުއްވާފައިވާ އެސްއެމްއީ ޑެވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ ގެ މިދިޔަ އަހަރުގެ އޮޑިޓްގައިވާ ގޮތުން 2019 އިން 2024 އަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ފަރާތުން ރައުސްމާލުގެ ގޮތުގައި 1.1 ބިލިއަން ކުންފުންޏަށް ދޫކޮށްފައިވާއިރު 2023 ވަނަ އަހަރުގެ ނިޔަލަށްވެސް ކުންފުންޏަށް ވަނީ ގެއްލުންވެފަ އެވެ. ނަމަވެސް ފާއިތުވި ދެ އަހަރު ކުންފުނީގެ މާލީ ޙާލަތު ރަނގަޅުވަމުން އައިސްފައިވުމުން މިދިޔަ އަހަރު އެ ކުންފުންޏަށް 45.21 މިލިއަން ރުފިޔާގެ ފައިދާވެފައިވާކަން ފާހަގަކޮށްފައިވެ އެވެ.
މި އޮޑިޓުގައިވާ ގޮތުން 2023 އަހަރުގެ ނިޔަލަށް އެ ބޭންކުގެ ރައުސްމާލުން 1,428 ފަރާތަކަށް ދޫކޮށްފައިވާ 1.5
ބިލިއަން ރުފިޔާގެ ލޯނުގެ އައުޓްސްޓޭންޑިންގއަކީ 1.3 ބިލިއަން ރުފިޔާ ކަމަށްވާއިރު މީގެތެރެއިން އެ އަހަރުގެ
ނިޔަލަށް 41% (554 މިލިއަން ރުފިޔާ) އަކީ ލޯނަށް ދައްކަންޖެހޭ މުއްދަތުގައި ފައިސާ އަނބުރާ ނުދައްކާތާ 90 ދުވަހަށްވުރެ
އިތުރުވެފައިވުމުން ނަންޕާފޯމިން އެސެޓު (އެންޕީއޭ) ގެ ގޮތުގައި ކަނޑައަޅައިފައިވާ ލޯނުތަކެވެ.
މި އޮޑިޓުން އެނގޭ ގޮތުގައި އެ ކުންފުނީގެ ރައުސްމާލުން ދޫކޮށްފައިވާ ލޯނުގެ ތެރެއިން 827 އެޕްލިކަންޓުންނަށް ކުންފުނިން ދޫކޮށްފައިވާ ލޯނުތަކުގެ އައުޓްސްޓޭންޑިންގެ ގޮތުގައިވާ 878 މިލިއަން ރުފިޔާގެ ލޯނަށް މަހުންމަހަށް ފައިސާ އަނބުރާ ދައްކަންޖެހޭ ތާރީހާ ހަމައަށް ގަވާއިދުން ފައިސާ ދައްކަމުން އައިސްފައެއް ނުވެ އެވެ. އެހެންވެ 2023 ގެ ނިޔަލަށް އޯވަޑިއުގެ ގޮތުގައި 151 މިލިއަން ރުފިޔާ (17%) ނުލިބި އެބައޮތެވެ.
އެސްއެމްއީ ބޭންކަށް 2023 ގެ ނިޔަލަށް ނޮންޕާފޯމިން ލޯނުގެ ގޮތުގައި އޮތް 554 މިލިއަން ރުފިޔާގެ ތެރެއިން 150 ލޯނަށް ދޫކޮށްފައިވާ 107 މިލިއަން ރުފިޔާ އެމްއެމްއޭގެ އުސޫލުތަކާއި ކުންފުނީގެ ލޯނު ރައިޓްއޯފް ޕޮލިސީ އާއި އެއްގޮތްވާ ގޮތުގެމަތިން 31 ޑިސެންބަރު 2023 ގައި ރައިޓްއޯފްކުރުމަށްފަހު އޯފް ބެލެންސް ޝީޓު އެސެޓުގެ ގޮތުގައި ރެކޯޑުކޮށް ބަލަހައްޓަމުން
ގެންގޮސްފައިވެ އެވެ.
އޮޑިޓަ ޖެނެރަލް ވަނީ މި ލޯނުތަކުގެ ތެރޭން ނުދައްކާހުރި ލޯނުތައް ހޯދަން ސްއެމްއީ ބޭންކުގެ ގާނޫނީ ޓީމުން ކޮށްފައިވާ މަސައްކަތް ވެސް ސާފުކޮށް ދެއްވާފަ އެވެ.
މިގޮތުން 35 ލޯނަށް ނުލިބިވާ 19 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް ޤާނޫނީ ފިޔަވަޅު އެޅުމުގެ ކުރިން ރައިޓް އޯފްކޮށްފައިވުމުގެ އިތުރުން ކޯޓުގައި ރަޖިސްޓަރީ ކޮށްފައިވާ ނުވަ ލޯނަށް ދޫކޮށްފައިވާ ފަސް މިލިއަން ރުފިޔާއާއި ކޯޓުގައި މައްސަލަ ކުރިއަށްދާ 57 ލޯނަށް ދޫކޮށްފައިވާ 49 މިލިއަން ރުފިޔާ ވެސް ރައިޓް އޯފްކޮށްފައިވުން މި ލޯނުތަކަށް ދޫކޮށްފައިވާ ފައިސާ އަނބުރާ ހޯދުމަށް މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ ޖުލައި 17 ގެ ނިޔަލަށް ކުރެވުނު މަސައްކަތްތަކުން 12 މިލިއަން ރުފިޔާ ކުންފުންޏަށް ހޯދާފައިވާކަން ފާހަގަކޮށްފައިވެ އެވެ.
އޮޑިޓަ ޖެނެރަލް ފާހަގަ ކުރައްވާފައިވާ ގޮތުގައި ކޮވިޑާ ގުޅިގެން ދުކުރި ރިކަވަރީ ލޯނުގެ ރަޖިސްޓަރީގައިވާ 389 ލޯނުގެ ތެރެއިން 241 ލޯނަށް ޕްރައިމަރީ ކޮލޭޓްރަލްއަކާ ނުލައި 146 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު 31 ޑިސެންބަރު 2023 ގެ ނިޔަލަށް މި ލޯނުތަކަށް 55 މިލިއަން ރުފިޔާ އަނބުރާ ނުލިބި ވަނީ އޯވަޑިއުވެފަ އެވެ. އަދި 2023 ގެ ނިޔަލަށް ރިކަވަރީ ރަޖިސްޓަރީގައި 389 ލޯނު ހިމެނިފައިވާއިރު މި ލޯނުތަކުގެ އައުޓްސްޓޭންޑިންގައިވާ 452 މިލިއަން ރުފިޔާގެ ތެރެއިން 134 މިލިއަން ރުފިޔާ އޯވަޑިއު ވަނީ ވެފަ އެވެ. އަދި މީގެ ތެރެއިން 76 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް ޤާނޫނީ ފިޔަވަޅު އެޅުމަށް 90 ދުވަހަށްވުރެ އިތުރު މުއްދަތު ވަނީ ހިނގާފަ އެވެ.
ފައިސާގެ ބޮޑު އަދަދުތަކުން ދޫކޮށްފައިވުމުން އޮޑިޓަ ޖެނެރަލް ވަނީ އެސްއެމްއީ ބޭންކުން ލޯނު ދޫކުރުމުގައި ބަލާނެ މިންގަނޑުތައް އިތުރަށް ހަރުދަނާ ކުރުމަށްފަހު އައު ލޯނުތައް ދޫކުރަން އެދިފަ އެވެ. އަދި ލޯނުގެ އެއްބަސްވުމާ އެއްގޮތަށް ފައިސާ އަނބުރާ ދައްކަމުން ނުދާ ފަރާތްތަކާމެދު ކުންފުނީގެ ރިކަވަރީ މެނުއަލުގައިވާ ގޮތަށް ފިޔަވަޅު އަޅަމުން ގެންދިއުމަށާއ،ި އެއަށްފަހުވެސް ފައިސާ އަނބުރާ ދައްކަމުން ނުދާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅައ، ލޯނަށް ދޫކޮށްފައިވާ ފައިސާ އަނބުރާ ހޯދުން އަވަސްކުރަންވެސް އެދިފައިވެ އެވެ. އަދި ސަރުކާރުގެ ވުޒާރާތަކާއެކު ވެފައިވާ ފަހުމުނާމާގެ ދަށުން ކުންފުންޏަށް ބެލެހެއްޓުމަށް ޙަވާލުކުރެވޭ ލޯނުތަކުގެ ކްރައިޓީރިއާއާއި ރިކަވަރީ މަރުޙަލާ އެސްއެމްއީ ބޭންކުން ކަނޑައަޅަންވެސް އެދިފައިވެ އެވެ. މީގެ އިތުރުން އެސްއެމްއީ ބޭންކުން ބަލަހައްޓަމުން ގެންދާ ކީސާގެ ތެރެއިން ދޫކޮށްފައިވާ ލޯނުތަކުގެ އެއްބަސްވުމުގައިވާ ގޮތަށް ފައިސާ އަނބުރާ ހޯދުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރުމުގެ އިތުރުން ސަރުކާރާ މަޝްވަރާކުރުމަށްފަހު މި ލޯނުތަކާއި ފެސިލިޓީއާމެދު ޢަމަލުކުރާނެ ގޮތެއް ދެނެގަތުމަށް ވެސް އެދިފައިވެ އެވެ.