މިގޮތަށް ބަދަލުގެންނެވުމަށް އެ މަނިކުފާނު ނިންމެވީ، އާބާދީ ކުޑަ ނަމަވެސް، ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތް މަދުނުވާތީ އެވެ.
ކައުންސިލްތަކަށް ސަރުކާރުން ދޭ އާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) ދިނުމަށް ކަނޑައަޅާފައިވާ ފިސްކަލް ފޯމިއުލާ ބަދަލުކުރަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފި އެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިހާރު ބްލޮކް ގްރާންޓު ދޭ ގޮތުން، އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދުވާތީ، އެއް ހަމައެއްގައި އެ ފައިސާދެވޭނެގޮތަށް ފިސްކަލް ފޯމިއުލާ މުރާޖައާކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިގޮތުން، ފިސްކަލް ފޯމިއުލާ މުރާޖާކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކޮށް، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި މި ބަދަލުވެސް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މިގޮތަށް ބަދަލުގެންނެވުމަށް އެ މަނިކުފާނު ނިންމެވީ، އާބާދީ ކުޑަ ނަމަވެސް، ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތް މަދުނުވާތީ އެވެ.
ކައުންސިލްތަަކަށް ބްލޮކް ގްރާންޓް ދިނުމުގައި އަމަލުކުރާ އުސޫލުގެ އިތުރުން، އަންހެނުންގެ ކޮމިޓީއަށް ބަޖެޓް ދިނުމުގައި އަމަލުކުރާ އުސޫލަށް ވެސް ބަދަލު ގެންނަވާނެކަން އެ މަނިކުފާނު ވަނީ ހާމަކުރައްވައިފަ އެވެ.
އޭގެ ތެރެއިން އެއް ބަދަލަކީ ރައީސް މުއިއްޒު ރޭ ވިދާޅުވި ގޮތުގައި، ކައުންސިލްތަކަށް ދޭ ބަޖެޓުގެ ފަސް ޕަސެންޓް އަންހެނުންގެ ކޮމިޓީ އަށް ދޭންޖެހޭ ގޮތަށް އޮތްއޮތުން ބަދަލުކޮށް 10 ޕަސެންޓަށް ބޮޑުކުރުމެވެ.
ދެވަނަ ބަދަލަކީ އަންހެނުންގެ ކޮމިޓީތަކަށް މިހާރުދޭ ބަޖެޓްގެ ތެރެއިން ކޮމިޓީގެ މެންބަރުންނަށް ރޯދަ އިނާޔަތް ދިނުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުން އެ އިނާޔަތް ދޭ ގޮތަށް ހަމަޖެއްސުމެވެ.