އެސްޓީއޯއިން ހުޅުމާލޭގައި އިމާރާތްކުރަމުން އައި ހޮޓަލް، އެޗްޑީސީއާއެކު 20 މިލިއަން ޔޫއެސް ޑޮލަރަށް އަގުކޮށް އެއްބަސްވުމަށްފަހު، ހުޅުމާލޭ ފޭސް 2 އިން އެސްޓީއޯއަށް ބިމެއް ލިބޭނެ އެވެ.
އެސްޓީއޯ ހިއްސާދާރުން ކޮންމެ އަހަރީ އާއްމު ޖަލްސާއެއްގައި އެދެމުން ދިޔަ އެއް ކަމަކީ އެސްޓީއޯ ހޮޓާގެ މައްސަލަ ގޮތަކަށް ނިންމުމެވެ. އެހެންވެ އެ ކުންފުނިން މިވަނީ ހިއްސާދާރުން އެދެމުން ދިޔަގޮތަށް އެސްޓީއޯ ހޮޓާ 20 މިލިއަން ޑޮލަރަށް އަގުކޮށް އެޗްޑީސީއާ ހަވާލުކޮށްފި އެވެ.
ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެސްޓީއޯ އިން ބުނީ ހުޅުމާލެ ހޮޓަލްގެ މަޝްރޫޢު ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ) އާއި ހަވާލުކޮށްފައިވާ ކަމަށެވެ.
އެ ކުންފުނިން ހުޅުމާލޭގައި އިމާރާތްކުރަމުން އައި ހޮޓަލް، އެޗްޑީސީއާއެކު 20 މިލިއަން ޔޫއެސް ޑޮލަރަށް އަގުކޮށް އެއްބަސްވުމަށްފަހު، ހުޅުމާލޭ ފޭސް 2 އިން ބިމަކަށް ބަދަލުކުރުމުގެ އެއްބަސް ވެގެންނެވެ. މި އެއްބަސްވުމުގައި އެ ކުންފުނީގެ ދެ ފަރާތުން ސޮއިކުރީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.
އެސްޓީއޯ އިން ބުނީ މުއާމަލާތާއި ގުޅިގެން ކުންފުނީގެ ހިސާބުތަކަށް އައިސްފައިވާ ބަދަލުތަކުގެ ތަފްސީލު މި އަހަރުގެ އެސްޓީއޯގެ މާލީ ބަޔާންތަކުގައި ހިމެނޭނެ އެވެ. މި އިޢުލާނު ކުރެވިފައި މި ވަނީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ކޮންޓިނުއިން ޑިސްކްލޯޝަރ އޮބްލިގޭޝަންސް އޮފް އިޝުއަރޒްގެ (ސީޑީއޯއައި) ރެގިއުލޭޝަންގެ ދަށުންނެވެ.
މިހޮޓާ ތަރައްގީކޮށް މެންހެޓަން ހޮޓަލެއް އަޅަން ސަރުކާރުން ވަނީ ދުބާއީ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އަދި ހުޅުމާލޭގައި މި ތަރައްގީކުރެވޭ ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޭރިއާ (3.5 ފްލޯ ސްޕޭސް) ގައި ސަރުކާރުގެ މުހިއްމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖް ޔޫތް ސެންޓަރު (އީ- ސްޕޯރްޓްސް) އަދި ހެރިޓޭޖް ކޮލެޖްގެ އިތުރުން މެޑިކަލް ކޮލެޖް ތަރައްގީ ކުރާނެ އެވެ. ހޮޓެލްގެ ބާކީ އޭރިއާގައި ފަސް ތަރިގެ 158 ކޮޓަރި ތަރައްގީކޮށް، މަސައްކަތް ފަށާތާ ނުވަ މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ. މެންހަޓަން ގްރޭންޑް ހޮޓެލް ގެ ނަމުގައި ވޯލްޑް އޮފް ބިޒްނަސް އިން އެ ހޮޓެލް ހިންގުމަށް ހަމަޖެހިފައިވަނީ %50 ފޮރިން އިންވެސްޓްމަންޓެއްގެ ގޮތުގަ އެވެ. މި މަޝްރޫ އަށް އިންވެސްޓްކުރުމަށް ހަމަޖެހިފައިވަނީ ޔޫއޭއީގެ ކުންފުންޏެއް ކަމުގައިވާ "ޑީޕް ސީފުޑް ކޮމްޕެނީ" އިން ނެވެ.