ކުންފުނީގެ ސެކްރެޓަރީންގެ މަސައްކަތާއި، ކުންފުނީގެ ބޯޑުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އެ މަގާމަށް ދޭންޖެހޭ ހައިބަތާއި ގަދަރު ލިބުމަށް މަގުފަހިކުރުމަށްވެސް ބާރު އަޅާނެ ކަމަށް ޕީސީބީން ބުންޏެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސެކްރެޓަރީންގެ މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާތައް ކަނޑައެޅުމާއި، އެ މަގާމަށް މީހުން ހޯދުމާއި ވަކިކުރުމުގައި އަމަލު ކުރާނެ ގޮތުގެ އާ އުސޫލެއް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އެކުލަވާލައި، އާންމުކޮށްފި އެވެ.
ޕީސީބީން ބުނީ މިދިޔަ ބުދަ ދުވަހު ފާސްކުރި އުސޫލުގެ މައިގަނޑު މަގުސަދަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކުންފުނީގެ ސެކްރެޓަރީންނަކީ ކަމަށް އެކަށޭނެ ގާބިލު ބަޔަކަށް ހެދުމާއި މަގާމުގެ މަސްއޫލިއްޔަތުތައް އެއްހަމަކުރުން ކަމަށެވެ. އަދި އެ މަގާމަށް މީހުން ނެގުމާއި މަގާމުން ވަކިވުމާއި ވަކިކުރާނެ އުސޫލުތައް އެއް އުސޫލަކުން ދެފުށްފެންނަގޮތަކަށް ބަޔާންކުރުމަކީ ވެސް މަގުސަދެކެވެ.
އެ އުސޫލުން، ކުންފުނީގެ ސެކްރެޓަރީންގެ މަސައްކަތާއި، ކުންފުނީގެ ބޯޑުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އެ މަގާމަށް ދޭންޖެހޭ ހައިބަތާއި ގަދަރު ލިބުމަށް މަގުފަހިކުރުމަށްވެސް ބާރު އަޅާނެ ކަމަށް ޕީސީބީން ބުންޏެވެ.
އެ އުސޫލުގައި، ކުންފުނީގެ ސެކްރެޓަރީގެ މަގާމުގެ ތައުލީމާއި ތަޖުރިބާގެ ޝަރުތުތަކާއި، މަގާމުގެ ޒިންމާތަކާއި، ކުންފުނީގެ ސެކްރެޓަރީން އައްޔަނުކޮށް ވަކިކުރެވޭނެ އިޖުރާއަތުތައް ބަޔާންކޮށްފައި ވެ އެވެ.
އެ އުސޫލުގައި ވަނީ، ސެކްރެޓަރީ ކަމަށް އައްޔަންކުރާ މީހެއްގެ އެންމެ ދަށްވެގެން ހުންނަން ޖެހޭ ޝަރުތުތައް ހިމަނައިފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ކެޓެގަރީގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްފައިވާ ބޭންކުތަކަށާއި އެހެނިހެން ފައިނޭންޝަލް އިންސްޓިޓިއުޝަންތައް ހިމެނެއެވެ.
އެ ކެޓަގަރީގެ ކުންފުނިތަކަށް އައްޔަން ކުރާ ސެކްރެޓަރީންގެ މެނޭޖްމެންޓް މަގާމުތަކުގައި ފަސް އަހަރުގެ ތަޖުރިބާއާއި މަގާމާ ގުޅުންހުރި ދާއިރާތަކުން މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ލިބިފައި ހުންނަން ޖެހެއެވެ. އެގޮތުން މާސްޓާސް ޑިގްރީ އޮންނަ މީހަކަށް ހަތް އަހަރުގެ ތަޖުރިބާއިން ޝަރުތު ހަމަވާއިރު، ޑިގްރީ އޮންނަ މީހަކަށް ޝަރުތު ހަމަވާނީ މަދުވެގެން ނުވަ އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިފައިވާނަމަ އެވެ.
އެންމެ ދަށް ކެޓަގަރީގެ ކުންފުނިތަކަށް، އެއީ އެސްއޯއީތަކުގެ ސަބްސިޑިއަރީ ކުންފުނިތަކަށް ހިމެނޭ ގޮތަށް، އައްޔަންކުރާ ސެކްރެޓަރީންގެ ވެސް ދަށްވެގެން ޑިގްރީ އަކާއެކު، މަގާމާ ގުޅުންހުރި ދާއިރާއަކުން ފަސް އަހަރުގެ ތަޖުރިބާ ހޯދައިފައިވާ މީހެއް ކަމުގައި ވާންޖެހެ އެވެ.
މަސައްކަތުގެ ތަޖުރިބާގެ ދާއިރާތަކުގެ ގޮތުގައި ބަލާނީ ގާނޫނީ، ގަވަނަންސް، މެނޭޖްމެންޓް އަދި ސެކްރެޓޭރިއޭޓް ބެލެހެއްޓުމާ ގުޅުންހުރި ދާއިރާތަކެވެ.
އެ އުސޫލުގައިވާ ގޮތުން، އެ މަގާމަށް އައްޔަން ކުރާ މީހަކު ހަ މަސް ދުވަހުގެ ތެރޭގައި، ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ފަރާތުން ހިންގާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރަން ޖެހެ އެވެ. އަދި ކުންފުނީގެ ބޯޑުން ކަނޑައަޅާ އުސޫލެއްގެ ދަށުން އެ ބޯޑުން، މަދުވެގެން ކޮންމެ އަހަރަކު އެއް ފަހަރު، ސެކްރެޓަރީ މަސްއޫލިއްޔަތު އަދާކުރާވަރު ބެލުމަށް އެޕްރެއިޒަލްއެއް ހަދާނެ އެވެ.
އިއްޔެއިން ފެށިގެން އަމަލުކުރަން ފަށާފައިވާ އެ އުސޫލުގެ ދަށުން، ސެކްރެޓަރީ މަގާމުން ވަކިކުރަން ވާނީ ކުންފުނީގެ ބޯޑުގެ ޖަލްސާއެއްގެ އަޣުލަބިއްޔަތުން ނިންމާ ނިންމުމަކުން ކަމަށް ބަޔާންކޮށްފައި ވެ އެވެ.