ބަޖެޓު ޖުމްލަ ހަރަދު % 15.6 ދަށުގަ | ރިކަރަންޓް ހޭދަ %5.5 ގެ ދަށްވުމެއް

ރިކަރަންޓް ހަރަދުގެ 56 އިންސައްތަ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 5.5 އިންސައްތަ ދަށް އަދަދެކެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހުގައި

ދައުލަތުގެ ބަޖެޓުގެ ޖުމްލަ ހަރަދު މިދިޔަ މަހުގެ ނިޔަލަށް 15.6 ޕަސެންޓު ދަށުގައި ހުރިއިރު ރިކަރަންޓް ހޭދަތައް 5.5 ޕަސެންޓުގެ ވެއްޓުމެއް ފާހަގަ ވެއްޖެ އެވެ. 

ފިނޭންސް މިނިސްޓްރީން މިދިޔަ މަހުގެ 28 ގެ ނިޔަލަށް ނެރުނު ވީކްލީ ފިސްކަލް ޑިވްލޮޕްމަންޓްގައިވާ ގޮތުން ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 24.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު 16 އިންސައްތަ ދަށް އަދަދެކެވެ. އެގޮތުން، ދައުލަތުގެ ރިކަރަންޓް ޚަރަދު 1.7 އިންސައްތައިން ދަށްވެފައިވާއިރު ކެޕިޓަލް ޚަރަދުވަނީ 57.4 އިންސައްތައިން ދަށްވެފަ އެވެ.

ރިކަރަންޓް ހަރަދުގެ 56 އިންސައްތަ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 5.5 އިންސައްތަ ދަށް އަދަދެކެވެ. އެގޮތުން އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ޚަރަދު 14.1 އިންސައްތައިން ދަށްވެފައިވާއިރު، މަރާމާތުކުރުމާއި މެއިންޓެނަންސްގެ ހަރަދު ވަނީ 16.6 އިންސައްތައިން ދަށްވެފައެވެ.

ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރެވޭ ހޭދަ މިވަނީ، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 6 އިންސައްތައިން ދަށްވެފަ އެވެ. މިއާއި އެކު ދައުލަތުން ފޯރުކޮށްދޭ އެކި އެހީ އަދި ސަބްސިޑީތައް ފޯރުކޮށްދިނުމަށް ކުރެވުނު ހޭދަ ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 7.5 އިންސައްތައިންވަނީ ދަށްވެފަ އެވެ.

ކެޕިޓަލް ހަރަދަށް 3.1 ބިލިއަން ރުފިޔާގެ ހޭދައެއް

ނިމިދިޔަ ހަފްތާގެ ނިޔަލަށް ކެޕިޓަލް ހަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވަނީ 3.1 ބިލިއަން ރުފިޔާއެވެ. އެގޮތުން، މަގު ހެދުމާއި ބްރިޖް އަދި އެއަރޕޯޓް ތަރައްގީކުރުމަށް ހިނގާފައިވާ ޚަރަދު ހިމަނައިގެން، އިންފްރާސްޓްރަކްޗާ އެސެޓްތަކަށް 2.7 ބިލިއަން ރުފިޔާ މި އަހަރުގެ ތެރޭގައި މިވަނީ ހޭދަކޮށް ފައެވެ.

މި އަހަރަށް މަޖިލީހުން ފާސްކުރި ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 12.4 ބިލިއަން ރުފިޔާ ހިނގާނެކަމަށް ލަފާކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް މިފަދަ ޕްރޮގްރާމްތަކަށް ހޭދަކޮށްފައިވަނީ ހަތަރު ބިލިއަން ރުފިޔާއެވެ. އަދި ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ހިނގާފައިވާ ޕީއެސްއައިޕީ ހަރަދުގެ ބޮޑު އިންސައްތައެއް، ބިން ހިއްކުމާއި މަގު ހެދުމުގައި މަޝްރޫޢުތަކަށް ހޭދަކޮށްފައިވި ނަމަވެސް، މި އަހަރުގެ ތެރޭގައި ހިނގާފައިވާ ޕީއެސްއައިޕީ ޚަރަދުގެ ބޮޑު އިންސައްތައެއް ޙިއްސާކުރަނީ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމާ ގުޅޭ ތަފާތު އެކި މަޝްރޫޢުތަކަށް ކޮށްފައިވާ ޚަރަދެވެ. އެގޮތުން މިފަދަ މަޝްރޫޢުތަކަށް ޖުމުލަ 2.5 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި މިވަނީ ޚަރަދުކޮށްފައެވެ. މީގެ އިތުރުން ބޯހިޔާވަހިކަމުގެ އެކިއެކި މަޝްރޫއުތަކަށް 124.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. ހަމައެއާއެކު ޕީ.އެސް.އައި.ޕީ އާ ގުޅޭ ތަފާތު އެކި ސިޔާސަތުތައް ހަރުދަނާކުރުމަށް މިއަހަރުގެ ތެރޭގައި ސަރުކާރުން ކުރަމުންދާ ގިނަ މަސައްކަތްތަކާއެކު، މިފަދަ ޕްރޮގްރާމްތަކަށް ދައުލަތުގެ ބަޖެޓުން ކުރާ ޖުމުލަ ޚަރަދު ވަނީ ކުޑަކުރެވިފަ އެވެ.

ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 24.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އަދި ނިމިގެންދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު މިއަހަރުގެ ޚަރަދު 15.6 އިންސައްތަ ދަށެވެ. އެއާއެކު، ދައުލަތުގެ ބަޖެޓުގެ އޯވަރޯލް 534.6 މިލިއަން ރުފިޔާގެ ސާޕްލަސެއްގައި ވަނީ ދެމެހެއްޓިފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.