ޖަނާ ވިދާޅުވި ގޮތުގައި އުފަންވާ ނިސްބަތް މަދުވެ، މިހާރު މަސައްކަތުގައި ތިބި އާބާދީ ދަނީ ވަޒީފާއިން ވަކިވާ އުމުރަށް ދަމުންނެވެ. މިކަމަކީ ގައުމީ ފެންވަރުގައި މަޝްވަރާކޮށް ހައްލުތަކެއް ހޯދަން ޖެހޭ މައްސަލައެކެވެ.
ރާއްޖޭގައި އުފަންވާ ނިސްބަތް މަދުވެ މިހާރުގެ މަސައްކަތު ތިބި އާބާދީ މުސްކުޅިވަމުންދާ ކަމަށާ މިއީ ކުރިމަގުގައި ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމަކަށް ވެގެންދާނެ ކަމަށް އިމާރާތް ކުރުމުގެ ގައުމީ ޖަމިއްޔާގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވެއްޖެ އެވެ.
އިމާރާތް ކުރުމުގެ ދާއިރާގެ މައްސަލަތަކާއި ހުރި ފުރުސަތުތައް ކިޔައިދޭން މިއަދު ބޭއްވި ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމް (ސީއައިއެފް) ހުޅުވަން ހޮޓެލް ޖެންގައި މިއަދު ވާހަކަ ދައްކަވަމުން ދުނިޔޭގެ އެންމެ ބޮޑު އެއް ޖަމިއްޔާ ކަމަށްވާ އިފޮޕްކާގެ ރައީސްކަން ދެ ދައުރެއްގައި ކުރެއްވި ޖަނާގެ ވާހަކާގައި ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ކުރިމަގުގައި ކުރިމަތިވެދާނެ ގޮންޖެހުން ތަކަށް ވެސް އަލި އަޅުއްވައި ލެއްވި އެވެ.
މިގޮތުން އޭނާ ފާހަގަ ކުރެއްވި އެއް މައްސަލަައަކީ ރާއްޖޭގައި އާބާދީ މުސްކުޅިވަމުން ދިއުމުގެ ސަބަބުން ކުރިމަގުގައި ވަޒީފާގެ ބާޒާރަށް ކުރިމަތިވެދާނެ ގޮންޖެހުން ތަކެވެ. ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު ކުރިމަގުގައި ވަޒީފާގެ ފުރުސަތުތަކުގެ ހުސްކަން ފުރާނެ ގޮތެއް ހޯދަން ގައުމީ ފެންވަރުގައި މަޝްވަރާ ކުރަން ޖެހޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ގިނަ ޖަމިއްޔާ ތަކެއް ހިމެނޭ އެމްޕޮލޮޔާސް އެސޯސިއޭޝަންގެ ރައީސްކަން ވެސް ކުރައްވާ ޖަނާ ވިދާޅުވީ ދުނިޔޭގައި ދެ ހަނގުރާމަ މިހާރުވެސް ހިންގަމުންދާ ކަމަށާ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ފޯރަމް ފަދަ ބައްދަލުވުންތަކުގައި މަޝްވަރާކޮށް މިފަދަ ކަންކަމުން ރާއްޖެ އަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ބަލައި އެކަން ހައްލު ކުރަން ކުރެވިދާނެ ކަންކަން ބަލަން ޖެހެ އެވެ.
މި ހަފުލާގައި ޖަނާ ވަނީ އިމާރާތް ކުރުމުގެ ދާއިރާގެ ކުންފުނިތައް ހަމައެކަނި ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަރޯސާ ވެގެން ތިބުމުގެ ބަދަލުގައި ޓޫރިޒަމް ސިނާއަތުގެ މަސައްކަތްތައް ނަގަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.