މަސައްކަތް ނުނިންމިގެން ސަސްޕެންޑް ކުރި ލިސްޓަށް އިތުރު ކުންފުނިތަކެއް

މިހާރު މި ލިސްޓުގައި ފަސް ކުންފުންޏެއް އެބައޮތެވެ. މީގެތެރޭގައި ތަކުރާރުކޮށް ލިސްޓުގައި ހިމެނޭ ވޯޓާޕާކް މޯލްޑިވްސް ވެސް ހިމެނެ އެވެ.

އިމާރާތް ކުރާ ސައިޓެއް : މަޝްރޫއުތައް ނުނިމިގެން ބައެއް ކުންފުނިތައް ވަނީ ސަސްޕެންޑް ކޮށްފަ

މަސައްކަތް ހަވާލުކުރި ތާރީހަށް ނިންމާފައި ނުވާތީ ސަރުކާރުގެ މަސައްކަތްތަކާއި ބީލަންތަކުގައި ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑް ކުރި ލިސްޓަށް އިތުރު ކުންފުނިތަކެއް އިތުރުވެއްޖެ އެވެ. 

ފިނޭންސް މިނިސްޓްރީން ނަން ހާމަކޮށް ސަސްޕެންޑްކޮށްފައިވާ ލިސްޓުގައި ހިމެނެނީ ވޯޓާޕާކް މޯލްޑިވްސް އާއި ކެއަވަން މެޑިކަލް ޕްރައިވެޓް ލިމިޓެޑް އަދި ގެދޮރު ކޮންސްޓްރަކްޝަން އާއި ޝާޑު ބިލްޑާސް އެވެ. 

މި ލިސްޓުގައި ހިމެނޭ ވޯޓާ ޕާކް މޯލްޑިވްސްއަކީ މިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށިގެން ސަސްޕެންޑް ކުރަމުން ދިޔަ ކުންފުންޏެވެ. މި ކުންފުނި އެންމެފަހުން މި ލިސްޓަށް އަރާފައިވަނީ ވ. ކެޔޮދޫގައި އެ ކުންފުނިން ނިންމި މަޝްރޫއެއް ފުރިހަމަ ކުރަން ބޭނުންވާ ބައެއް ތަކެތި ފޯރުކޮށް ނުދިނުމުގެ އިތުރުން ރ. އަލިފުށީގައި ނިމަން ހަވާކުވި މަސައްކަތެއް ފުރިހަމަކުރެވިފައި ނެތުމުންނެވެ. މި ކުންފުންޏަކީ 2022 ވަނަ އަހަރުގެ ސަރުކާރުގެ ބީލަން ކަޅު ލިސްޓަށް އަރާފައިވާ ކުންފުންޏެވެ. އެފަހަރު މި ކުންފުނި ލިސްޓުގައި ހިމެނިފައިވަނީ ވ. ކެޔޮދޫގެ ދެ ބުރީގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތާއި ރ. އުނގޫފާރުގެ ދެ ބުރީގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ނުކުރެވުމުގެ ސަބަބުންނެވެ.

ފިނޭންސުން ބިލަންތަކުން ސަސްޕެންޑް ކުރި އަނެއް ކުންފުނި ކަމަށްވާ ކެއަވަން މެޑިކަލް ޕްރައިވެޓް ލިމިޓެޑް ސަސްޕެންޑްކޮށްފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ އެކްސްރޭ މެޝިނާއި ޑެންޓަލް ޗެއާއެއް ގެންނަން ހަވާލުކުރި ނަމަވެސް އެ މަސައްކަތް ފުރިހަމަކޮށްފައި ނުވާތީ އެވެ. އަދި ގެދޮރު ކޮންސްޓްރަކްޝަން ކުންފުނި ސަސްޕެންޑްކޮށްފައިވަނީ ނ. ލަންދޫ އަދި މާބައިދޫ ސައިޓް މިއުޒިއަމްގެ މަސައްކަތް ހަވާލުކުރި ތާރީހަށް ނުނިންމިގެންނެވެ. އަދި ޝާޑު ބިލްޑާސް ކުންފުނި ސަސްޕެންޑްކޮށްފައިވަނީ ތ. ދިޔަމިގިލި ގަނޑުވަރު ސައިޓް މިއުޒިއަމްގެ މަސައްކަތަކާ ގުޅިގެންނެވެ. 

މާލިއްޔަތު ގަވައިދުގައިވާ ގޮތުން ކޮންޓްރެކްޓަކާ ޙަވާލުވުމަށްފަހު އެފަރާތަކުން އެ ޙަވާލުވި މަސައްކަތެއް
ފުރިހަމަނުކޮށް ދޫކޮށްލުން ނުވަތަ ކޮންޓްރެކްޓަރުގެ އިހުމާލެއްގެ ސަބަބުން ލިބޭ ގެއްލުމަކަށް ބަލައި ކޮންޓްރެކްޓް ބާޠިލުކޮށްފައިވާ ޙާލަތުގައި އެ ކޮންޓްރެކްޓަރަކު ދައުލަތުގެ ބީލަންތަކުން ސަސްޕެންޑް ކުރުމުގެ އުސޫލު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅަން ޖެހެ އެވެ.

މި އަހަރު ސަރުކާރުން ޕީއެސްއައިޕީ މަޝްރޫއުތަކަށް 12 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މިހާތަނަށް ހަރަދުކޮށްފައިވަނީ 3.4 ބިލިއަން ރުފިޔާ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.