ބޯޓު ފެނުނުއިރު ކެޕްޓަން އޮތީ މަރުވެފަ އެވެ. އެއަތޮޅު ވިލިގިލީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ގއ. ކޮލަމާފުށީގައި ދުއްވާ "ކޮލަމާ" ބޯޓް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނުއިރު، ބޯޓުތެރޭން ފެނުނު، އެ ބޯޓުގެ ކެޕްޓަން، އެރަށު، ދޮންވެލި، އާދަމް ސައީދު، 66، މަރުވެފައި ވަނީ ރޭގެ ވަގުތެއްގައި ކަރަންޓުގައި ޖެހިގެން ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
ލ. އަތޮޅުން ރޭ 10:00 ހާއިރު ހުވަދު އަތޮޅަށް ފުރި އެ ބޯޓު ގެއްލިގެން އެމްއެންޑީއެފް އިން މިއަދު ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ. ބޯޓު ހޯދަމުން ދަނިކޮށް ފެނިފައި ވަނީ މިއަދު މެންދުރު 1:15 ހާއިރު، އެކެފަރަ ސަރަހައްދުންނެވެ.
ބޯޓު ފެނުނުއިރު ކެޕްޓަން އޮތީ މަރުވެފަ އެވެ. އެއަތޮޅު ވިލިގިލީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެރަށުން މައުލޫމާތު ދިން މީހަކު ބުނީ ސައީދުގެ އިތުރުން އެ ބޯޓުގައި ދެން ތިބީ އޭގައި މަސައްކަތް ކުރާ ފަސް ވަރަކަށް ބިދޭސީން ކަމަށެވެ. އަދި، ރޭގެ ވަގުތެއްގައި ބޯޓުގެ އިންޖީނަށް މައްސަލައެއް ދިމާވިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންވެ، ކެޕްޓަން އިންޖީނު ރޫމަށް ފޭބި ކަމަށާއި، ބެލެވެނީ އެވަގުތު ކަރަންޓުގައި ޖެހިގެން މަރުވީ ކަމަށެވެ.
ރޭންޖު ނުލިބޭ ހިސާބެއްގައި ބޯޓު އޮތުމުން، އެ ހަބަރު އެއްވެސް ފަރާތަކާ ހިއްސާ ކުރެވޭ ގޮތް ނުވީ އެވެ.
ފުލުހުން މިއަދު ބުނެފައި ވަނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.