މަސައްކަތުގެ މާހައުލުގައި އުޅޭއިރު، މޫނުބުރުގާ އަޅައިގެން އުޅޭ މީހާއަކީ ކާކުކަން ކަށަވަރު ކުރަން ޖެހިއްޖެ ނަމަ އެ މުވައްޒަފެއްގެ މޫނު، ކޯޓު ނުވަތަ އިދާރާގެ ކަމާބެހޭ އަންހެން މުވައްޒަފަކަށް ދައްކަން ވާނެ ކަމަށް ގަވާއިދުގައި ބުނޭ.
ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން މޫނު ބުރުގާ އަޅައިގެން އޮފީހަށް ހާޒިރުވެވޭ ގޮތަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ގަވާއިދު އިސްލާހުކޮށްފި އެވެ.
ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ ދަށުން ހިދުމަތް ލިބިގަންނަން ދާ ބަޔަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހޭނެ އެވެ. އަދި އެ ހިދުމަތްދޭ މުވައްޒަފު މަސައްކަތު ގަޑީގައި ހެދުން އަޅަން ޖެހޭނީ ކާކުކަން ރަނގަޅަށް އެނގޭ ގޮތަށް ކަމަށް އެ މާއްދާގައިވެ އެވެ.
ނަމަވެސް ޝަރުއީ ދާއިރާގެ މުވައްޒަފުން މޫނު ބުރުގާ އަޅައިގެން އޮފީހަށް ހާޒިރުނުވެވޭ މާއްދާ މިހާރު ވަނީ އިސްލާހުކޮށްފަ އެވެ.
ނަމަވެސް މަސައްކަތުގެ މާހައުލުގައި އުޅޭއިރު، މޫނުބުރުގާ އަޅައިގެން އުޅޭ މީހާއަކީ ކާކުކަން ކަށަވަރު ކުރަން ޖެހިއްޖެ ނަމަ އެ މުވައްޒަފެއްގެ މޫނު، ކޯޓު ނުވަތަ އިދާރާގެ ކަމާބެހޭ އަންހެން މުވައްޒަފަކަށް ދައްކަން ވާނެ ކަމަށް ގަވާއިދަށް ގެނައި އިސްލާހުގައި ވެ އެވެ.
ގަވާއިދަށް މި ގެނައި އިސްލާހަށް އަމަލުކުރަން ފަށާނީ އިއްޔެއިން ފެށިގެން ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.