ނަސްރުއަކީ މި ސިނާއަތުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ރާއްޖޭން ބޭރުގެ ރިސޯޓެއްގައިވެސް މަސައްކަތް ކުރެއްވި އެވެ.
ރާއްޖޭގެ މައި މާކެޓިން ކުންފުނި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ގެ މަގާމަށް ޓޫރިޒަމް ސިނާއަތުގެ ތަޖުރިބާ ލިބިފައިވާ ނަސްރުﷲ އާދަމް އައްޔަންކޮށްފި އެވެ.
ޓޫރިޒަމް ސިނާއަތުގެ ގިނަ ބަޔަކު ދަންނަ އަދި މި ސިޔާސަތުގެ ގިނަ ރިސޯޓްތަކުގައި މަސައްކަތް ކުރައްވައި ތަޖުރިބާ ހޯއްދަވާފައިވާ ނަސްރުއަކީ ރާއްޖޭގައި ހުރި ގިނަ އަދަދެއްގެ އިންޓަނޭޝަނަލް ބްރޭންޑްތަކުގައި މަސައްކަތްކޮށް ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ރާއްޖޭގެ އިތުރުން ރާއްޖޭން ބޭރުގެ ރިސޯޓްތަކުގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.
ރާއްޖޭގެ މައި އިގްތިސޯދު ގުޅިފައިވާ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރައްވާތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ނަސްރު މަސައްކަތް ކުރެއްވި މަގާމުތަކުގެ ތެރޭގައި އަމިއްލަފުށީގެ ޑިރެކްޓަރު އޮފް ސޭލްސްގެ މަގާމާއި ބާރޯސް މޯލްޑިވްސްގެ ސޭލް ޑިރެކްޓަރުގެ މަގާމު ހިމެނެ އެވެ. މީގެ އިތުރުން ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި އާއި ޕަޓިނާ މޯލްޑިވްސް ހުޅުވުވައި ވިޔަފާރިއަށް ތައްޔާރު ކުރުމުގައިވެސް ނަސްރުގެ ބައިވެރިވުން ލިބިފައިވެ އެވެ. އަދި އެންމެ ފަހުން އޭނާ މަސައްކަތް ކުރެއްވީ މަނަފަރު ރިސޯޓުގެ އިތުރުން އޭޖޭ ރިސޯޓުން ސީޝެލްގައި ހިންގާ ރިސޯޓުގަ އެވެ. އެ ރިސޯޓުގެ ބިޒްނަސް ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވި އެވެ.