މި ބައްދަލުކުރެއްވުމުގައި، ރައީސް ޝީ ވަނީ ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޗައިނާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ރައީސް މުއިއްޒަށް އަރުވައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް މިހާރު ކުރައްވަމުން ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ ރައީސް ޝީ ޖިންޕިން އާ ބައްދަލުކުރައްވައި، ގިނަ ދާއިރާތަކުން ގުޅުން ފުޅާކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރައްވައިފި އެވެ.
މިއަދާއި މާދަމާ ޗައިނާގައި ބާއްވާ އެސްސީއޯ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް މުއިއްޒު ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ރައީސް ޝީ އާ ބައްދަލުކުރައްވައި، އިގުތިސާދު، ވިޔަފާރި، އިންވެސްޓުމަންޓު އަދި ސަލާމަތާއި ރައްކާތެރިކަން ފަދަ މުހިންމު ދާއިރާތަކުން މަޝްވަރާ ކުރެއްވިކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި މި ބައްދަލުކުރެއްވުމުގައި، ރައީސް ޝީ ވަނީ ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޗައިނާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ރައީސް މުއިއްޒަށް އަރުވައިފަ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ޗައިނާގެ ރައީސްގެ އިތުރުން އެހެން ގައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވެ އެވެ.
މީގެ އިތުރުން އެސް.ސީ.އޯ ސަމިޓުގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައިވާއިރު، ވަކީން ހާއްސަކޮށް، މޫސުމަށް އަންނަ ބަދަލުތަކާއި، އިސްތިރާޖީ ސަބަބުތަކާހުރެ އިގުތިސާދުތައް ރޫޅިގެންދާދިއުމާއި، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަގުވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެސް.ސީ.އޯ ޕްލަސް ބައްދަލުވުމުގައި އެ މަނިކުފާނު ބަޔާނެއް އިއްވެވުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.
އެސް.ސީ.އޯ އަކީ ޔޫރޭޝިޔާ ސަރަހައްދުގެ ސިޔާސީ، އިގުތިސާދީ އަދި ދިފާއީ ކަންކަމަށް އަމާޒުކޮށްގެން، އެ ސަރަހައްދުގެ ހަ ގައުމަކުން އެކުލަވާލާފައިވާ ސަރަހައްދީ ޖަމުއިއްޔާއެކެވެ.
މިގޮތުން 2001 ވަނަ އަހަރު އެ ޖަމުއިއްޔާ އުފައްދާފައިވަނީ، ޗައިނާ، ރަޝިޔާ، ކަޒަކްސްތާން، ކިރްގިސްތާން، ތަޖިކިސްތާން އަދި އުޒްބެކިސްތާނުންނެވެ.
ޖިއޯގްރަފީ އާއި އާބާދީގެ ނިސްބަތުން ދުނިޔޭގެ އެންމެ ބޮޑު ސަރަހައްދީ ޖަމުއިއްޔާކަމުގައިވާ އެސް.ސީ.އޯ ގައި މިހާރު 10 މެންބަރު ގައުމު ހިމެނެ އެވެ. އަދި އޮބްޒާވަރުންނާއި ޑަޔަލޮގް ޕާޓްނަރުންގެ ގޮތުގައި އިތުރު ގައުމުތައް ހަރަކާތްތެރިވާއިރު، ރާއްޖެއަކީ އެސް.ސީ.އޯ ގެ ޑަޔަލޮގް ޕާޓްނަރެކެވެ.