އެމަނިކުފާނު އެކަން އިއުލާނު ކުރެއްވީ ގައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް މިއަދު ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބުގަ އެވެ.
އިންޖިނޭރުން ގައުމަށް ކޮށްދެއްވާ ހިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، އަންނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ގައުމީ އެވޯޑް، ސަރުކާރުން ދޭން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެކަން އިއުލާނު ކުރެއްވީ ގައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް މިއަދު ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބުގަ އެވެ.
މި އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ، ގައުމީ ފެންވަރުގައި ފާހަގަކުރާ، "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ކަމުގައި ރައީސް ހަމަޖައްސަވާފައި ވަނީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު އެވެ. އެއީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް، ސިނަމާލެ ބްރިޖް ހުޅުވި ދުވަސް ކަމަށްވާތީ އެވެ.
ސިނަމާލެ ބުރިޖް ހުޅުވިތާ މިއަދަށް ހަތް އަހަރު ފުރޭއިރު، މި ބުރިޖުގެ ސަބަބުން ދިވެހީންގެ ދިރިއުޅުމަށާއި، އިގްތިސޯދަށް އަދި އިޖްތިމާއީ ހުރިހާ ހިދުމަތަކަށްވެސް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން ރައީސްގެ ހިތޯބުގައި ވަނީ ފާހަގަކުރައްވާފަ އެވެ.
އިންޖިނޭރުންގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ދެވޭ ގައުމީ އެވޯޑްގެ އިތުރުން، އިންޖިނޭރުންގެ އިލްމީ ދިރާސާތަކަށް ފުރުސަތު ފަހިކޮށްދެއްވައި، އެކި ދާއިރާތަކުން އިންޖިނޭރުކަން ކިޔަވައިދީ، ތަމްރީނު ދިނުމަށް ސަރުކާރުންދޭ ސަމާލުކަން އިތުރު ކުރައްވާނެކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފަ އެވެ.
ރައީސް ވިދާޅުވީ 2040 ވަނަ އަހަރަށް ދާއިރު ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއާއި، ޑިޖިޓަލް ރާއްޖެއެއްގެ އަމާޒަށް ވާސިލުވުމަށާއި، އިއާދަކުރަނިވި ހަކަތައިގެ ރޮނގުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް އެކި ދާއިރާތަކުގެ އިންޖިނޭރުންގެ އިލްމާއި، ތަޖްރިބާއާއި، އެހީތެރިކަމަށް މި ގައުމު އޮތީ ނުހަނު ބޭނުންޖެހިފައި ކަމަށެވެ.
ރައީސް ވަނީ މިއަދު ފާހަގަ ކުރާ އިންޖިނޭރުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި، އެފަރާތްތަކުން ކުރާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.