އދ.ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ ނައިބު ރައީސްކަމަށް ރާއްޖެ ހޮވައިފި

ޑރ. ސަލްމާ ރަޝީދު ހޮވިވަޑައިގެންނެވީ، އޭޝިއާ ޕެސިފިކް ގްރޫޕުގެ ފުރިހަމަ އަޣުލަބިއްޔަތުން ކައުންސިލްގެ ބިއުރޯގައި އެ ގުރޫޕަށް ނިސްބަތްވާ ގައުމުތައް ތަމްސީލުކުރުމަށެވެ.

އދ.ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ ނައިބު ރައީސްކަމުގެ މި އަހަރުގެ ބާކީ އޮތް މުއްދަތަށް ރާއްޖެ ހޮވައިފި އެވެ.

މިއަދު ބޭއްވި އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ އިދާރީ ބައްދަލުވުމުގައި، މަޖިލީހުގެ ނައިބު ރައީސާގެ މަގާމަށް ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ހޮވިވަޑައިގެންނެވީ، އޭޝިއާ ޕެސިފިކް ގްރޫޕުގެ ފުރިހަމަ އަޣުލަބިއްޔަތުން ކައުންސިލްގެ ބިއުރޯގައި އެ ގުރޫޕަށް ނިސްބަތްވާ ގައުމުތައް ތަމްސީލުކުރުމަށެވެ.

އެކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިއީ ރާއްޖެއަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.

އަދި ފަސްޖެހުމެއްނެތި އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ކުރިއެރުވުމުގައި ރާއްޖޭން ކުރަމުންދާ ވަކާލާތު ބައިނަލްއަގުވާމީ މުޖުތަމައުއިން ބަލައިގެންފައިވާކަން، މިއަދުގެ މި ކާމިޔާބީއިން ދައްކުވައިދޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރާއްޖެއިން ވަނީ މީގެ ކުރިން އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގައި 2011 އިން 2013 ވަނަ އަހަރުގެ ނިޔަލަށް އަދި 2014 އިން 2016 ވަނަ އަހަރުގެ ނިޔަލަށް ވިދިވިދިގެން ދެ ދައުރު ފުރިހަމަކޮށްފަ އެވެ. މީގެ އިތުރުން 2023 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށްދާ ދައުރުގައިވެސް ރާއްޖެއަކީ މަޖިލީހުގެ މެންބަރެކެވެ. 

އަދި، ރާއްޖެއިން ވަނީ 2013 ވަނަ އަހަރާއި 2023 ވަނަ އަހަރުގައި، މަޖިލީހުގެ ނައިބު ރައީސްގެ މަޤާމު އަދާކޮށް މަޖިލީހުގެ އެންމެ އިސް ހަރުފަތުގައި ރާއްޖޭގެ އިސްނެގުމާއި ބައިވެރިވުން ދައްކުވައިދީފަ އެވެ. 

ޑރ. ސަލްމާގެ އިތުރުން މަޖިލީހުގެ ބިއުރޯގެ އެހެން ނައިބު ރައީސުންގެ ގޮތުގައި ތިއްބަވާނީ ޗިލޭ، ކޮންގޯ އަދި ރޮމޭނިއާ ގެ ދާއިމީ މަންދޫބުންނެވެ.

މި މަގާމަށް ރާއްޖޭގެ ދާއިމީ މަންދޫބު ހޮވިވަޑައިގަތުމުން، އިންސާނީ ހައްގުތަކާބެހޭ މަޖިލީސް ހަރުދަނާ ގޮތެއްގައި ހިންގުމުގެ ގާބިލުކަމާއި، ރާއްޖެއަށް އޮތް އިތުބާރާއި ޔަގީންކަން ކަށަވަރުވެގެންދާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އަދި މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން، އިންސާނީ ހައްގުތަކުގެ ޔުނިވާސަލިޓީ ނަގަހައްޓާ، މަލްޓިލޭޓަރަލް ނިޒާމުގެ އަސާސީ އުސޫލުތައްކަމުގައިވާ، މަޝްވަރާކުރުމާއި، އެއްބާރުލުން ދިނުމާއި، އެއްބަސްވެ އިއްތިފާގުން ކަންކަން ނިންމުމުގެ އަސާސްތައް ރާއްޖެއިން އަބަދުވެސް ކުރިއަރުވަމުންގެންދާނެކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ ދީފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.