އުދައްޔު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އުފުލާފައިވާ މާޒިން އާއި ޝަމީމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވެ އެވެ. ނަމަވެސް އެ ދައުވާ ޝަރަފުގެ މައްޗަށް ސާބުތުނުވާ ކަމަށް ކަނޑައަޅާފައިވެ އެވެ.
ގއ. މާމެންދޫގައި ގުރޫޕް މާރާމާރީ ހިންގައި އެ ރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު މަރާލުމުގައި ބައިވެރިވިކަން، ދައުވާ އުފުލާފައި ތިބި ތިން މީހުންގެ ތެރެއިން ދެ މީހުންގެ މައްޗަށް ސާބިތުވެއްޖެ އެވެ.
މި މަރުގެ ދައުވާ ލިބެނީ ގއ. މާމެންދޫ ރިހިފަރުދާގެ، އަހްމަދު ޝަމީމާއި އެ ރަށު ބިލަތްމާގެ، ޝަރަފް ރަޝީދު އަދި ގުލްފާމުގެ، މުހައްމަދު މާޒިން އަށެވެ. މީގެ އިތުރުން މި މައްސަލައިގައި 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ވެސް ހިމެނެ އެވެ. އެ ކުއްޖާގެ މައްޗަށް ވަނީ އުދައްޔު މަރައިލިކަން ސާބިތު ވެފަ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، އުދައްޔު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އުފުލާފައިވާ މާޒިން އާއި ޝަމީމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވެ އެވެ. ނަމަވެސް އެ ދައުވާ ޝަރަފުގެ މައްޗަށް ސާބުތުނުވާ ކަމަށް ކަނޑައަޅާފައިވެ އެވެ.
ޝަރަފުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅީ، އެރޭ ހިނގި މާރާމާރީގައި ތޫނު އެއްޗެއް ބޭނުން ކޮށްގެން އުދައްޔުގެ ބޭބެ، ފިރުޝާން ޒާހިރާމެދު މާރާމާރީ ހިންގުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ.
ދައުވާތަކާމެދު ގޮތް ނިންމަވަމުން ގާޒީ އަލީ ނަދީމް ފާހަގަކުރެއްވި ގޮތުގައި، އުދައްޔު މަރުވި ހަމަލާ ދީފައިވަނީ މައްސަލައިގައި ހިމެނޭ ކުޑަކުއްޖާ ކަމަށް ވީ ނަމަވެސް، އޭނާއާއެކު އެއް ޖަމާއަތެއްގެ ގޮތަށް އެކަކު އަނެކަކަށް ވާގިދީ އެހީތެރިކަންދޭ އުސޫލުން މާޒިންއާ ޝަމީމް ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި، މި ތިން މީހުންވެސް އުދައްޔުއާމެދު މާރާމާރީ ހިންގުމުގައި އުޅެފައިވާކަން ގާޒީ ވަނީ ފާހަގަކުރައްވާފަ އެވެ.
ޝަރަފުގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކަނޑައެޅީ އުދައްޔުއާމެދު މާރާމާރީ ހިންގި ކަމުގެ އެއްވެސް ހެއްކެއް ނެތުމުން ކަމަށް ވަނީ ނިންމާފަ އެވެ. އެގޮތުން، ޝަރަފު އެވަގުތު އެތާ ހުރީ އޭނާ އިން ސައިކަލުގައި އުދައްޔުގެ ބޭބެ ފައިން ޖަހައި ވައްޓައިލުމުގެ ސަބަބުން ކަމަށާއި، އަދި އުދައްޔުއާ މާރާމާރީ ހިނގަމުންދިޔަ ވަގުތު އޭނާ ހިނގާފައި ގޮސް އެ ސަރަހައްދުގައި ހުރި ގެއަކަށް ވަތްކަން ހެކިތަކުން އެނގެން އޮންނަ ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންކަމުން މާރާމާރީ ހިނގި ސަރަހައްދުގައި އެ ވަގުތު ޝަރަފު ހުރީ އެހެން މީހަކު ކުރި އަމަލެއްގެ ނަތީޖާގެ ސަބަބުންކަން އެނގޭ ކަމަށް ގާޒީ ފާހަގަކުރެއްވި އެވެ.
ތޫނު އެއްޗެއް ބޭނުންކޮށްގެން ފިރުޝާންއާމެދު މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާ ޝަމީމުގެ މައްޗަށް އުފުލި ނަމަވެސް އެކަން އެއްވެސް ހެއްކަކުން އެނގެން ނެތުމުން، އޭނާގެ މައްޗަށް އެ ދައުވާ ސާބިތުނުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
ދައުވާތައް ސާބިތުވާ ކަމަށް ކަނޑައެޅުމާ ގުޅިގެން ދެން އޮންނާނީ ވާރިސުންގެ ހެކިބަސް ނެގުމާއި، އަދަބާ ގުޅިގެން ވާހަކަ ދެއްކުމާއި ހުކުމް ކުރުމެވެ. އެކަމަށް ސެޕްޓެންބަރު މަހުގައި އަޑުއެހުމެއް ތާވަލު ކުރައްވާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.