ރައީސް ވިދާޅުވި ގޮތުގައި ކޮންމެ މީހަކަށް ވެސް އަބުރަކާ ޝަރަފެއް އޮންނަ ގޮތަށް އަނެކާއަށް އަބުރާއި ޝަރަފު ލިބިގެން ވާކަން ގަބޫލު ކުރަން ޖެހެ އެވެ.
މިނިވަންކަމުގެ ޒިންމާތަކާއެކު ކޮންމެ މީހަކަށް ވެސް ޒިންމާތަކެއްވާ ކަމަށާ އަނެކާގެ އަބުރަށް އަރައިގަތުމަކީ އެއްވެސް މީހަކަށް އޮތް ހައްގެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ގައުމީ ދުވަސް ފާހަގަ ކުރަން ހއ. އުތީމުގައި މިއަދު އޮތް ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އިސްލާމް ކޮންމެ މީހަކުވެސް އަބުރެއް އޮތްކަން ގަބޫލު ކުރަން ޖެހެ އެވެ.
"ކޮންމެ މީހަކަށް ވެސް އަބުރަކާ ޝަރަފެއް ލިބިފައިވާ ފަދައިން އަނެކާއަށް އަބުރާއި ޝަރަފު ލިބިގެން ވާކަން ގަބޫލު ކުރަން ޖެހޭ. މީގެ ކުރީގަ ދިވެހިވަންތަކަން ފުރިހަމަކަމާއެކު އޮތްއިރުގަ އޮތް ގޮތަށް ކަންކަން ކުރަން އަޒުމު ކަނޑައަޅަންވީ. އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް ހައްގެއް ނޫންކަން އަނެކާގެ އަބުރާއި އިތްޒަތަށް އަރައިގަތުމަކީ. އެއްވެސް މީހަކާ އޮތް މިނިވަންކަމެއް ނޫންކަން ހިތަށް އަރާހާ އެއްޗެއް ބެލުމެއް ނެތި ބޭރުކޮށްލުމަކީ،" ރައީސް ވިދާޅުވި އެވެ
ރައީސް އިތުރަށް ވިދާޅުވީ ގައުމު ކުރިއަށް ޖީލުތަކަށް އަމާންކަމާއި ރައްކާތެރިކަމާ އެކު ފޯރުކޮށްދިނުމުގައި ކޮންމެ ފަރުދަކަށް ވެސް އޮތް އަމިއްލަ ޒިންމާއާ މެދު ނަޒަރު ހިންގާލަން ޖެހެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ކޮންމެ މީހަކީ ވެސް އިސްލާމް ދީން ބަޔާންކޮށްދެއްވި މަތިވެރި އިރުޝާދުތަކާއި ދައްކުވައިދީފައިވާ މަތިވެރި މަގުން ކުރިއަށްދާންޖެހޭ މީހެއްކަން ފާހަގަކުރައްވައި އެ ފަދައިން ޢަމަލުތައް ބައްޓަންކުރަންވީ ދުވަހަކީ މިއީ ކަމުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޮންމެ ދިވެއްސަކީ ވެސް ގައުމުގެ އަބުޠާލުންގެ މަތިވެރި ޖިހާދުގެ ފުރިހަމަ އަގުވަޒަންކުރާ މީހަކަށް ވާންޖެހޭ ކަމަށާ ތަރައްގީވެފައިވާ އަމާން އަދި އުފާވެރި ގައުމެއްގެ ގޮތުގައި ކުރިއަށްދެވެން އޮތީ ހަމައެކަނި މި ބީދައިނެވެ.
"އަޅުގަނޑުމެންގެ މިނިވަންކަމާއި ޒިންމާތައް ގުޅިފައިވަނީ ފަރުދުންގެ މެދުގައިވާ ލޯތްބާއި އިޙުތިރާމުގެ މައްޗަށްކަން ފާހަގަކުރައްވަމުން ރައީސ ވަނީ ހަގީގީ ގައުމިއްޔަތަކީ ކޮބައިކަމާއި ގައުމިއްޔަތުގެ ޒިންމާއަކީ ކޮންމެ މީހެއްގެ މައްޗަށް އޮތް ޒިންމާއެއްކަން،" ރައީސް ވިދާޅުވި އެވެ.
ގައުމީ ދުވަސް ފާހަގަ ކުރަން މިއަދު ބޭއްވި ޖަލްސާގައި ރައީސް ވަނީ ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ހާއްސަ ޝަރަފު އެރުވި އުތީމު ރައްޔިތުންގެ މަސައްކަތަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް އެރުއްވި ދިވެހި ދައުލަތަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އާދަމް ޢަބްދުއްރަޙްމާނުގެ ނަންފުޅު ވަކީން ފާހަގަކުރައްވައި އެ ބޭފުޅާގެ ހިދުމަތަށް ވެސް އެ މަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ. ހަމަމިއާއެކު ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭބޭފުޅުންނަށް ވެސް އެ މަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.