މި ޝަރަފު ރައީސް އަރުއްވާފައި ވަނީ އެރަށުގައި ބޭއްވި ގައުމީ ދުވަހުގެ ހާއްސަ ރަސްމިއްޔާތުގަ އެވެ. ސަރުކާރުގެ ފަރާތުން އެރުވި އައްޑަނައާ ހަވާލުވެވަޑައިގެންފައި ވަނީ އެ ރަށުގެ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދެވެ.
ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ހާއްސަ ޝަރަފު، ހއ. އުތީމު ރައްޔިތުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަރުއްވައިފި އެވެ.
ރައީސް އުތީމު ރައްޔިތުންނަށް މި ޝަރަފު އެރުވީ، އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި، އުތީމު ރައްޔިތުން އަދާކުރައްވައިފައިވާ ދައުރާއި، އެކަމަށް ދެއްވި އަހައްމިއްޔަތުގެ އަގު ސަރުކާރުން ވަޒަން ކުރެއްވުމުގެ ގޮތުންނާއި، އުތީމު ރައްޔިތުންގެ ބެލެހެއްޓުންތެރި ކަމާއެކުގައި އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު ވެފައިވާތީ އެވެ.
މި ޝަރަފު ރައީސް އަރުއްވާފައި ވަނީ އެރަށުގައި ބޭއްވި ގައުމީ ދުވަހުގެ ހާއްސަ ރަސްމިއްޔާތުގަ އެވެ. ސަރުކާރުގެ ފަރާތުން އެރުވި އައްޑަނައާ ހަވާލުވެވަޑައިގެންފައި ވަނީ އެ ރަށުގެ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދެވެ.
ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ ޕޯޗުގީޒުންގެ އަޅުވެތިކަމުގައި ރާއްޖެ އޮތުމަށްފަހު، ރާއްޖެއަށް އަލްޣާޒީ މުހައްމަދު ތަކުރުފާނު އަލްއަޢުޡަމް މިނިވަންކަން ހޯދައިދެއްވި މުނާސަަބާ ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަހެވެ.
އުތީމު ގަނޑުވަރަކީ، މުހައްމަދު ތަކުރުފާނުގެ އާއިލީ މައިފުނަގެ އެވެ. ރަސްކަމުގެ ތަހުތުގައި އިށީނދެވަޑައިގަތުމުގެ ކުރީން އުތީމުގައި ދިރިއުޅުއްވި ގެކޮޅެވެ. މިއީ، ދިވެހި ގައުމީ އަގުހުރި ހާއްސަ ތަރިކައެއް ކަމަށް ރައީސް އޮފީހުން ފާހަގަކޮށްފައިވެ އެވެ.
ރައީސް އޮފީހުން ބުނެފައި ވަނީ އުތީމުގައި ހުންނަ އެ ރަދުންގެ ގަނޑުވަރާއި، އެހެނިހެން އާސާރުތަކަށް ރައްކާތެރިކަންދީ ބެލެހެއްޓުމުގައި އުތީމު ރައްޔިތުން ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމަށެވެ. ފާއިތުވި 450 ވަރަކަށް އަހަރު، (އުތީމު ރަދުންގެ ހަޔާތްޕުޅުގެ އަހަރުތައް ހިމަނާނަމަ، 500 އަހަރު ދުވަސް) މި ސަމާލުކަމާއި ފަރުވާތެރިކަން ދަމަހައްޓަވައިފައިވެ އެވެ.
ޒަމާނުއްސުރެ އުތީމު ގަނޑުވަރަކީ، ހުރިހައި ދިވެހީން ވެސް ވަރަށް ކަމޭހިތަމުންއައި ބިނާއެކެވެ. އެހެންކަމުން، ކުރީ ޒަމާނުއްސުރެ ގަނޑުވަރުގެ ކަންކަމަށް އެކި ކަހަލަ އިނާޔަތްތައް ލިބެމުން ދިޔަ އެވެ. އެއާއެކު ވެސް ތަން ބެލެހެއްޓުމާ ބެހޭ ހުރިހައި މަސައްކަތެއް، ވަރަށް ފަހަކާ ޖެހެންދެން އުޖޫރައަކާ ނުލައި ކުރަމުން އައީ، އުތީމު ރައްޔިތުންނެވެ.