އެ މަނިކުފާނު ވަނީ، ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ، ފެރިދޫ، މާޅޮސް އަދި ހިމަންދޫ އަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވާފަ.
އއ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު މާލެ ވަޑައިގެންފި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި، އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ އަށް ރަށަށް ވަޑައިގަތެވެ. އެގޮތުން އެ މަނިކުފާނު ވަނީ، ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ، ފެރިދޫ، މާޅޮސް އަދި ހިމަންދޫ އަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި އެވެ. އެ ވަފުދުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މައުލޫމާތު ފޯރުކޮށްދެއްވާފަ އެވެ.
މި ދަތުރުފުޅުގެ ތެރެއިން ވަނީ އއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ހިދުމަތް ތައާރަފުކުރައްވާފަ އެވެ. އަދި އެ އަތޮޅު މާޅޮސް، ހިމަންދޫ، ފެހެންދޫ އަދި ތޮއްޑޫގައި ފުލުހުންގެ މަރުކަޒުތައް އިމާރާތްކުރުމުގެ މަސައްކަތްވެސް ވަނީ ރަސްމީގޮތުން ފައްޓަވާފަ އެވެ.
މީގެ އިތުރުންވެސް، މި ދަތުރުފުޅުގައި ވަނީ އެ އަތޮޅުގެ އެކި ރަށްރަށަށް އަމާޒުކުރައްވައިގެން، އެކި ދާއިރާތަކުން، ތަރައްގީގެ މަސައްކަތްތައް ފައްޓަވައި، މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރައްވާފަ އެވެ. އަދި މި ހިނގާ 2025 ވަނަ އަހަރާއި ކުރިއަށް އޮތް އަހަރު، ރަށްރަށުގައި ހިންގެވުމަށް ތާވަލުކުރައްވާފައިވާ މަސައްކަތްތަކުގެ އަދާހަމަ، ރައީސް އެ ރަށްރަށުގެ ރައްޔިތުންނާ ވަނީ ހިއްސާކުރައްވާފަ އެވެ.
މި ދަތުރުފުޅުގައި ބޭއްވެވި ބައްދަލުވުންތަކުގައި ރައީސް ދެއްކެވި ވާހަކަފުޅުތަކުގައި، މާފަރު ފަޅަކީ ފެރިދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވަން ނިންމަވާފައިވާކަމާއި، މަތިވެރީގައި ތަރައްގީކުރާ އެއާޕޯޓް ވެގެންދާނީ މުޅި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ފައިދާކުރާނެ އެއާޕޯޓަކަށް ކަމުގައި ވިދާޅުވެފައިވެ އެވެ.
އަދި މަޑިވަރު ފިނޮޅު ހިމާޔަތްކޮށްދީ ރަސްދޫ ރައްޔިތުންނަށް ބޭނުންކުރެވޭނެހެން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ތަރައްގީކޮށްދެއްވާނެކަމަށް ރައީސް ވަނީ މި ދަތުރުފުޅުގައި ވިދާޅުވެފަ އެވެ. ހަމަމިއާއެކު ގައުމީ، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައިދާނުގައި ވަނަތައް ހޯދާފައިވާ އެކިއެކި ކުޅުންތެރިންނާއެކު ކުރިއަށްދާ "ތޮއްޑޫ މާސްޓާސް ޓޭބަލްޓެނިސް މުބާރާތް" ރަސްމީކޮށް ފައްޓަވައިދެއްވީވެސް މި ދަތުރުފުޅުގެ ތެރެއިން، ރައީސެވެ.