"އެކަމުގެ ސަބަބުން ހާއްސަކޮށް ކަނޑު ގަދަވާ ދުވަސްތަކަށް ޓޫރިޒަމްގަ މަސައްކަތް ކުރާ ފަރާތްތަކަށް އެދިމާވާ ކަންބޮޑުވުމާ ދަތިތަކަށް ހާއްސަކޮށް އަދި ޖުމްލަކޮށް އޭގެ ފަސޭހަކަން ލިބޭނެ،" ރައީސް ވިދާޅުވި އެވެ.
ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ކުރިއަރާފައިވާ އއ. ތޮއްޑޫގައި އަންނަ އަހަރުގެ ފެބްރުއަރީ މަހު ސީޕްލޭންގެ ހިދުމަތް ފައްޓަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ތޮއްޑޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެ ރަށަށް ގެންނަމުންދާ އެކިއެކި ތަރައްގީގެ ކަންކަމުގެ ނަފާ ލިބެމުންދާނީ ރަށުގެ ރައްޔިތުންނަށް ކަމަށެވެ.
އޭގެ ތެރޭގައި ސީޕްލޭންގެ ހިދުމަތް ވެސް ހިމެނޭ ކަމަށާއި، އެކަމަށް ބޭނުންވާ ހާއްސަ ޕްލެޓްފޯމް ގާއިމް ކުރުމުގެ އިތުރުން ހިދުމަތް ފެށުމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކާއެކު ފެބްރުއަރީ މަހު ޝެޑިއުލް ސީޕްލޭންގެ ހިދުމަތް އެރަށުގައި ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެކަމުގެ ސަބަބުން ހާއްސަކޮށް ކަނޑު ގަދަވާ ދުވަސްތަކަށް ޓޫރިޒަމްގަ މަސައްކަތް ކުރާ ފަރާތްތަކަށް އެދިމާވާ ކަންބޮޑުވުމާ ދަތިތަކަށް ހާއްސަކޮށް އަދި ޖުމްލަކޮށް އޭގެ ފަސޭހަކަން ލިބޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ އެރަށުގެ ތަރައްގީއަށް އިތުރަށް ކޮށްދެވޭން ހުރި ކަންކަން ވެސް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން މިހާރު ތަރައްގީ ކުރަމުންދާ އެންމެ މަތީ ގްރޭޑްގެ ސިއްހީ މަރުކަޒު، 30 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކޮށްގެން މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އޭގެ އިތުރުން، އެރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ގާ އަތުރައިގެން މަގު ހެދުމުގެ މަޝްރޫއު ވެސް ކުރިއަށް ދާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.