ރައީސް އޮފީހުން ބުނީ ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޫކުރާ ފައިސާ ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ދެފުށްފެންނަ، ޒިންމާދާރު އުސޫލެއްގެ ތެރެއިން ފުރަތަމަ ފަހަރަށް ހުޅުވިގެން ދާނެ ކަމަށެވެ.
ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލެއް މިއަދު އާންމުކޮށްފި އެވެ.
މީޑިއާތަކާއި ނޫސްވެރިކަން ކުރިއެރުވުމަށްޓަކައި ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިހާރު ގެޒެޓުކޮށްފައިވާ މި އުސޫލުގައި، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އެންމެހާ އުސޫލުތަކާއި މިންގަނޑުތައް ބަޔާން ކޮށްފައިވެ އެވެ.
އެގޮތުން، މިއަހަރުން ފެށިގެން ކޮންމެ އަހަރަކަށް ފާސްކުރާ ދައުލަތުގެ ބަޖެޓުގައި، ހިލޭ އެހީއާއި އާމްދަނީ އިތުރުކުރަން އެ އަހަރަކަށް ހުށަހަޅާ އާ ކަންކަމުން ލިބޭނެކަމަށް ލަފާކުރާ ފައިސާ އަދި ވަކި ކަމަކަށް ހިމަނާފައިވާ ފައިސާ ނުހިމަނައި، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ބަޖެޓުގެ އަންދާޒާކުރެވޭ ރެވެނިއުގެ 0.1 (ސުމެއް ޕޮއިންޓު އެކެއް) ޕަސެންޓަށް ވާ މިންވަރަށް ފައިސާ ދޫކުރަން ވަނީ ކަނޑައަޅާފަ އެވެ.
އުސޫލުގައިވާ ގޮތުން، ފައިސާ ދޫކުރާނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ މީޑިއާތަކަށެވެ. އެގޮތުން ރަޖިސްޓަރީ ކޮށްފައިވާ ނުވަތަ ހިދުމަތް ދިނުމަށްޓަކައި ލައިސަންސް ލިބިފައިވާ ފަރާތެއް ކަމަށްވުމާއި، އެތަކެތި ހޯދުމަށްފަހު މެދުނުކެނޑި މީޑިއާ ހިންގާތާ ތިން އަހަރު ވެފައިވާ ތަނަކަށް ވާން ޖެހެ އެވެ.
އޭގެ އިތުރުން، އާންމު ފަރާތްތަކުން މީޑިއާއާ މުއާމަލާތު ކުރެވޭނެ އިންތިޒާމު ގާއިމު ކުރުމާއި، މީޑިއާގެ ކޯޑް އޮފް އެތިކްސް އާއި އެޑިޓޯރިއަލް ސްޓޭންޑަޑް އާންމުކޮށްފައިވުމާއި އަދި، މީޑިއާގެ މަސްއޫލުވެރި ފަރާތަކީ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް ފަރާތެއް ނަމަ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން އަންނަ ފަރާތެއް ކަމުގައިވާން ޖެހެ އެވެ.
ރައީސް އޮފީހުން ބުނީ ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޫކުރާ ފައިސާ ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ދެފުށްފެންނަ، ޒިންމާދާރު އުސޫލެއްގެ ތެރެއިން ފުރަތަމަ ފަހަރަށް ހުޅުވިގެން ދާނެ ކަމަށެވެ.