މި ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅޭ ބޮޑު ހުރަހެއް: އެމްއެމްސީ

"ގާނޫނުއަސާސީގެ ރޫހާވެސް ހިލާފަށް އޮތް މި ބިލަކީ، މިނިވަން ނޫސްވެރިކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްގެ ގޮތުގައި މި ކައުންސިލުން ދެކެން،"

މީޑިއާ ކައުންސިލްގެ ޖަލްސާއެއް

މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި އުފައްދާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް، ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް، މީޑިޔާ ރެގިއުލޭޓްކުރުމުގެ ގާނޫނީ ބާރު ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވެސް ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފި އެވެ.

‎ތުޅާދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އެ ބިލުގެ މަގްސަދުގެ ގޮތުގައި ބަޔާންކުރައްވާފައި ވަނީ ގާނޫނުއަސާސީގެ ދަށުން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި އާލާކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް ދެމެހެއްޓުމެވެ.

ނަމަވެސް މުޅި ބިލު ފަރުމާކޮށްފައި ވަނީ، ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގަށް ވަރަށް ބޮޑަށް ހުރަސްއެޅޭ ގޮތަށް ކަމަށް މީޑިއާ ކައުންސިލުން ވަނީ ބުނެފަ އެވެ.

އެމްއެމްސީން ނެރުނު ބަޔާނެއްގައި ބުނީ، މީޑިއާތައް ރެގިއުލޭޓް ކުރުމަށް މިހާރު އޮތް މިނިވަން ސެލްފް ރެގިއުލޭޓަރީ ނިޒާމް އެއްކޮށް ބަދަލުކޮށް، އެއިރެއްގައި އޮންނަ ސަރުކާރަކަށް އަދި ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ލިބޭ ގޮތަށް އެ ބިލުގައި ހިމަނާފައިވާ ކަމަށެވެ. 

‎އަދި، ބިލުން އުފައްދާ ކޮމިޝަން އެކުލެވިގެންވާ ގޮތުން އަދި މެންބަރުން ވަކިކުރުމުގެ ބާރު ދީފައި އޮތް ގޮތުން މީޑިއާތައް މިނިވަންކަމާ އެކު މަސައްކަތް ކުރުމަށް ހުރަސް އެޅި، ވަރަށް ބޮޑަށް ހުރިހާ ބާރެއް ރައީސްއަށާއި މަޖިލީހަށް ލިބިދޭނެ ކަމަށް މި ކައުންސިލުން ދެކޭ ކަމަށް ބަޔާންކޮށްފައިވެ އެވެ.

"ނޫސްވެރިން ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ އެއްވެސް މައުލޫމާތެއްގެ މަސްދަރު އެއްވެސް މީހަކަށް ހާމަ ކުރުމަށް މަޖުބޫރު ކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، މި ބިލު އެކުލަވާފައިވަނީ އެ ހައްގުވެސް ނިގުޅައިގަނެވޭ ގޮތަށް،" އެމްއެމްސީން ބުންޏެވެ.

‎އޭގެ އިތުރުން، މީޑިއާތަކަށް ފިޔަވަޅު އަޅާ ގޮތަށް ހިމަނާފައިވާ ބައެއް މާއްދާތަކުގައި ހިމަނާފައި އިބާރާތްތަކީ، ސާފު އިބާރާތްތަކަށް ނުވާތީ، އެ އިބާރާތްތައް ބޭނުން ގޮތަކަށް މާނަކޮށްގެން ނާޖާއިޒު މަންފާ ނެގޭނެ ގޮތަށް ފުރުސަތު ހުޅުވިގެން ދާނެ ކަމުގެ ކަންބޮޑުވުން ވެސް އެ ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.

‎"ގާނޫނުއަސާސީގެ ރޫހާވެސް ހިލާފަށް އޮތް މި ބިލަކީ، މިނިވަން ނޫސްވެރިކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްގެ ގޮތުގައި މި ކައުންސިލުން ދެކެން. އަދި މިއީ ބުރަ މަސައްކަތުން ހޯދައިފައިވާ ނޫސްވެރިކަމުގެ މިނވަންކަން އެތައް އަހަރެއް ފަހަތަށް ގޮސް، ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ މިހާރު ލިބިފައި އޮތް ދަރަޖަ ވަރަށް ބޮޑަށް ވެއްޓިގެން ދާނެ ކަމެއް.
ޖުމުލަ 70 ސަފުހާގެ މި ބިލާ ގުޅޭ ގޮތުން އަދިވެސް ގިނަ ގުނަ ކަންބޮޑުވުންތަކެއް މި ކައުންސިލުގައި އެބަ ހުރި. އަދި ކައުންސިލުން މިދަނީ އިތުރަށް އެކަންކަން ދިރާސާ ކުރަމުން،" އެމްއެމްސީގެ ބަޔާނުގައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.