ވެމްކޯއިން ވަނީ ޖޭވީ ހަދައިގެން ކ. ޅޮސްފުއްޓާއި ހިންމަފުށީ ފަޅު ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމުގެ އިތުރުން ކުނި ރީސައިކަލްކޮށް އަލުން ބޭނުން ކުރުމުގެ މަސައްކަތް ފެށުމަށް ޝައުގުވެރިވާ ފަރާތްތަކެއް ހޯދަން ފަށާފަ އެވެ.
ސަރުކާރުގެ ސަބްސިޑީ އަށް ބަރޯސާވެފައިވާ ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ސަރުކާރުގެ ސަބްސިޑީއާ ނުލައި ހިންގާ ކުންފުންޏަކަށް ބަދަލު ކުރަން ތިން މަޝްރޫއެއް އިއުލާނުކޮށްފި އެވެ.
ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ ކުނި މެނޭޖު ކުރުމަކީ ޒަމާނުއްސުރެން ފެށިގެން ސަރުކާރުގެ ސަބްސިޑީގައި ދޭ ހިދުމަތްތަކެއް ކަމަށާ ނަމަވެސް މި ސަރުކާރާއި މިހާރު ކުންފުނީގެ މެނޭޖުމަންޓުގެ ވިސްނުން ހުރީ ސަބްސިޑީ އަށް ބަރޯސާވުން ކުޑަ ކުރުމެވެ.
އެ ކުންފުނިން މި ބުނީ މި ލަނޑުދަނޑި އަށް ވާސިލްވާން ތިން މަޝްރޫއެއް ހިންގަން ގެޒެޓު ކޮށްފައިވާ ކަމަށާ އެގޮތުން ކ. ޅޮސްފުއްޓާއި ހިންމަފުށީ ފަޅު ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމުގެ އިތުރުން ކުނި ރީސައިކަލްކޮށް އަލުން ބޭނުން ކުރުމުގެ މަސައްކަތް ފެށުމަށް ޝައުގުވެރިވާ ފަރާތްތަކެއް ހޯދަން ވެސް އިއުލާނުކޮށްފައިވާނެ އެވެ.
"... މިގޮތުން ކުރިއަށް ގެންދެވޭ ޕްރޮޖެކްޓް / ވިޔަފާރީގެ މަސައްކަތަކީ ކުންފުނިން އަމިއްލައަށް ކުރަން ރޭވިފައިވާ މަސައްކަތެއް ނޫންކަން ފާހަގަ ކުރަމެވެ. ހުށަހަޅާ ބީލަންތައް ކާމިޔާބުކުރާ ފަރާތްތަކާއެކު ޖޮއިންޓްވެންޗާ އުސޫލުން އެއްބަސްވުމުގައި ސޮއިކޮށްގެން ކުރިއަށް ގެންދެވޭ މަސައްކަތެއްކަން ފާހަގަ ކުރަމެވެ،"
"މިގޮތުން ރާއްޖޭގައި މި ވިޔަފާރި ކުރަމުންދާ އަދި މިފަދަ ވިޔަފާރި ކުރުމަށް ޝައުގުވެރިވާ ހުރިހާ ފަރާތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ."
ވެމްކޯއިން ބުނީ އެ ކުންފުނީގެ ގެ ވިޔަފާރި ފުޅާކުރަން ޕްލޭންކޮށްފައިވަނީ ކުދިމެދު ވިޔަފާރިތަކަށް ފުރުސަތު ލިބޭ ގޮތަށް ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ކުނި މެނޭޖު ކުރުމުގެ ބަދަލެއްގެ ގޮތުން ރަށްރަށުގައި ޓޫރިޒަމް ތަރައްގީ ކުރަން ވެމްކޯ އިން ބިން ހޯދަން އުޅޭ ކަމަށް ބުނެ ދުވަހު ނޫހެއްގައި ލިޔެފައިވާ ހަބަރަކާ ގުޅިގެން ވެމްކޯ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި ވިޔަފާރި ކުރުމުގައި ބެލެވެނީ މި ހިދުމަތްތައް ފޯރުކޮށްދޭ ރަށެއް ނުވަތަ ސަރަހައްދެއްގައި ކުރެވޭ އަދި ފައިދާއެއް ނެރެވޭ ވިޔަފާރިތަކަށް ބަލައި ހިދުމަތް ފޯރުކޮށްދޭ ރަށެއް ނުވަތަ ސަރަހައްދެއްގައި ކުރެވޭނެ ފައިދާ ނެރެވޭނެ ވިޔަފާރިއަށް ބަލައި ދިރާސާ ކުރުމަށްފަހު އެވެ.
ވެމްކޯއިން ބުނެފައިވާ ގޮތުގައި ކުނި މެނޭޖު ކުރުމަކީ ޒަމާނުއްސުރެން ފެށިގެން ސަރުކާރުން ސަބްސިޑައިޒްކޮށްގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށާ ނަމަވެސް މި މަސައްކަތްތަކީ ސަރުކާރުން ސަބްސިޑައިޒްކޮށްގެން ކުރިއަށް ގެންދާ މަސައްކަތެއްގެ ގޮތުގައި ނުބާއްވައި މިއީ އަރަނިވެރި މަސައްކަތަކަށް ހެދުމަކީ މި ސަރުކާރާއި މިހާރު ކުންފުނީގެ މެނޭޖުމަންޓުން އެންމެ އިސްކަމެއް ދޭ އެއްކަމެވެ.
"... މިކަން ހާސިލް ކުރުމަށް ވެމްކޯގެ ހިދުމަތްތައް މުޅިރާއްޖެ އަށް ފުޅާ ކުރަމުންދާ ހިނދު، މި ހިދުމަތްދޭ ކޮންމެ ރަށަކީ ވެސް ވަކި ޕްރޮފިޓް ސެންޓަރަކަށް ބަލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފަ އެވެ. ނަމަވެސް ރަށްރަށް ވަކިން ހުރުމާއި އާބާދީ ކުޑަވުމުގެ ސަބަބުން އާމްދަނީ އާއި ހަރަދު ބައްދަލު ކުރަނީނަމަ ރައްޔިތުން އުފުލަން ޖެހޭ ވަރަށް ބޮޑު ބުރައަކަށްވާނެ އެވެ. އެހެންކަމުން މި ކުންފުނީގެ ވިޔަފާރި ފުޅާ ކުރުމުގެ މަސައްކަތް ފަށައިގެން ވަނީ މަސައްކަތް ފަށާފަ އެވެ،" ވެމްކޯ އިން ބުނެފައިވެ އެވެ.