ރައީސް ވިދާޅުވި ފަދައިން ގާސިމް ވެސް ވިދާޅުވެފައި ވަނީ ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ފައިދާ ލިބިގެން ދާނީ އާންމު ރައްޔިތުންނަށެވެ.
ލާމަރުކަޒީ ގާނޫނަށް މިފަހުން ގެނެސްފައިވާ އިސްލާހުތަކަކީ ވަރަށް މުހިންމު އިސްލާހުތަކެއް ކަމަށާއި އެއީ މިއަދުގެ ހާލަތަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ އިސްލާހުތަކެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވަނީ މިއީ ޔުނިޓަރީ ދައުލަތެއް ކަމަށާއި، މިއީ ފެޑެރަލް ދައުލަތެއް ނޫން ކަމަށެވެ. އެހެންކަމުން، ލާމަރުކަޒީ ގާނޫނު ވެސް އޮންނަން ވާނީ ޔުނިޓަރީ ދައުލަތަކަށް ކަމެއް ފުޅާކުރެވޭނެ މިންވަރަށް ކަމަށާއި، އެ ހުދޫދުގެ ތެރޭގައި، އެފަދަ ދައުލަތެއްގެ ވެރިކަން ހިންގުމުގެ ބާރުތަކާއި، ފްރޭމްވޯކަށް ފުށުއަރާ ގޮތަށް އެއްވެސް ގާނޫނެއް އޮވެގެން ނުވާނެ ކަމަށެވެ.
"އަޅުގަނޑުވެސް ގަބޫލު ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ފަދައިން އެ ނިޒާމު 'ހަރުދަނާ ކުރުމަށް، ޗެމްޕިއަން ކުރުމަށް' ގެންނަން ޖެހޭ އިސްލާހުތަކެއް ކަމަށް. މިސާލަކަށް ކުރިއަށް އޮތް އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުންމަށް ރަށްރަށުގެ ބިންތައް ދޫކޮށް، ގިނަ އަދަދެއްގެ މުވައްޒަފުން ނަގާނެ ފުރުސަތު އޮވެގެން ނުވާނެ،" ގާސިމްގެ ބަޔާނުގައިވެ އެވެ.
ރައީސް ވިދާޅުވި ފަދައިން ގާސިމް ވެސް ވިދާޅުވެފައި ވަނީ ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ފައިދާ ލިބިގެން ދާނީ އާންމު ރައްޔިތުންނަށެވެ.
ރައީސް ވިދާޅުވެފައި ވަނީ މި އިސްލާހުތަކުގެ ސަބަބުން ގުޑް ގަވަނެންސްއެއް އުފެދިގެން ދާނެ ކަމަށާއި، އަމިއްލަ ކުދި ވިޔަފާރިތައް ހިމާޔަތް ކުރެވިގެންދާނެ ކަމަށެވެ. "މީ ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށް، ޗެމްޕިއަން ކުރުމަށް ގެންނަން ޖެހޭ އިސްލާހުތަކެއް،" ރައީސް ވިދާޅުވި އެވެ.