އެ އިންޓަވިއުގައި ޔާމީން ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ގާސިމާއި ސިޔާދު ރިޝްވަތު ދިން ކަމުގެ ތުހުމަތުކުރެވޭ ލިޔުންތައް ސަރުކާރުގައި މިހާރު ވެސް ހުންނާނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އޭނާގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތަކާ ގުޅިގެން އެޅޭނެ ގާނޫނީ ފިޔަވަޅެއް ބަލަމުންދާ ކަމަށް އެޕާޓީން ވެސް ބުނެފި އެވެ.
"އަދަދު" ނޫހަށް ދެއްވި އިންޓިވިއުއެއްގައި ޔާމީން ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުން ފެބްރުއަރީ 1، 2018 ގައި ނެރުނު އަމުރާ ގުޅިގެން ފަނޑިޔާރުންނަށް ގާސިމް އަދި ސިޔާދު ރިޝްވަތު ދެއްވާފައިވާ ކަމަށެވެ.
އެގޮތުން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދަށްފްލެޓެއް ބައްލަވައިގަތުމަށް 2.4 މިލިއަން ޑޮލަރު ދެއްވިކަމުގެ ތުހުމަތު ޔާމީން ކުރެއްވި އެވެ. މެލޭޝިއާއިންނާއި ހުޅުމާލޭން ފްލެޓް ގަތުމަށް ދެ ބަފައިން އެހީތެރިވެދެއްވާފައިވާ ކަމަށް ޔާމީން ވަނީ ވިދާޅުވެފަ އެވެ.
އެކަން ދޮގު ކުރައްވައި ޖޭޕީން މިއަދު ބުނީ އެ ވާހަކަތަކާ ގުޅިގެން ޔާމީނާ ދެކޮޅަށް ގާނޫނީ ގޮތުން އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ އެ ޕާޓީގެ ގާނޫނީ ޓީމުން ބަލަމުންދާ ކަމަށެވެ.
"ގާސިމް އިބްރާހީމް އާއި އެ މަނިކުފާނުގެ ދަރިކަލުންނާ ބެހޭގޮތުން ދައްކާފައިވާ ސާބިތު ނުހިފޭ ދޮގު ބުހުތާނު ވާހަކަ ދައްކާފައިވާތީ މިކަމާ ގުޅިގެން ޔާމީނާ ދެކޮޅަށް ގާނޫނީ ގޮތުން އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ޖޭޕީ ގާނޫނީ ބޭފުޅުންގެ ފަރާތުން ބަލަމުން އެބަދަން،" އެ ޕާޓީން ބުންޏެވެ.
އެ އިންޓަވިއުގައި ޔާމީން ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ގާސިމާއި ސިޔާދު ރިޝްވަތު ދިން ކަމުގެ ތުހުމަތުކުރެވޭ ލިޔުންތައް ސަރުކާރުގައި މިހާރު ވެސް ހުންނާނެ ކަމަށެވެ.
އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު، މައުމޫން އައްބަދުލްގައްޔޫމް ހައްޔަރު ކުރަން ޖެހުނީ ވެސް ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ކަމަށް ޔާމީން ވަނީ ވިދާޅުވެފަ އެވެ. މައުމޫން ވެސް ވަނީ ތުހުމަތުތައް ދޮގުކުރައްވައި، ގާނޫނީ ފިޔަވަޅު އަޅުއްވަން ވިސްނަވާ ކަމަށް ވިދާޅުވެފަ އެވެ.