އަންހެން ދަރިވަރުގެ މައްޗަށް ދައުލަތުން ސިވިލް ކޯޓުގައި ދައުވާ އުފުލާފައި ވަނީ، އިތުރަށް ފޮނުވުނު ފައިސާ އަނބުރާ ދެއްކުމަށް ނުވަ ފަހަރު ސިޓީ ފޮނުވުމުން ވެސް އެފައިސާ އަނބުރާ ދައްކާފައި ނުވާތީ އެވެ.
ކޮވިޑް-19 އިގެ ދުވަސްވަރު މަތީ ތައުލީމު ފުރިހަމަ ކުރުމަށް ޒަކާތު ފަންޑުން ފައިސާ ދޫކުރުމުގެ ތެރޭގައި އޮޅިގެން ދަރިވަރަކަށް ފޮނުވުނު 33,000 ރުފިޔާ އަނބުރާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމެއް ކޮށްފި އެވެ.
ކޮވިޑް-19ގެ ދުވަސްވަރު ކިޔެވުން މެދުކެނޑުނު ދަރިވަރުންނަށް ޒަކާތު ފަންޑުން މާލީ އެހީ ފޯރުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވައިލި ފުރުސަތުގައި، އެހީއަށް އެދުނު ދަރިވަރެއްގެ އެކައުންޓަށް ގިނައިން ފައިސާ ފޮނުވިފައިވެ އެވެ.
އޮކްޓޯބަރު، 2020 ގައި އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ "މަތީ ތައުލީމު ފުރިހަމަ ކުރުމަށް ޒަކާތު ފަންޑުން ހާއްސަ އެހީއަށް އެދުމުގެ ފުރުސަތު" އިއުލާނުގެ ދަށުން ދަރިވަރަކަށް ގިނަވެގެން ދޫކުރެވޭނީ އެއްލައްކަ ރުފިޔާކަމަށް ކަނޑައަޅާފައިވެ އެވެ.
ނަމަވެސް އެ އަންހެން ދަރިވަރުގެ އެކައުންޓަށް އެއްލައްކަ ރުފިޔާގެ އިތުރުން 33،694 ރުފިޔާ އިތުރަށް ވަނީ ފޮނުވިފަ އެވެ. މިނިސްޓްރީއަށް އެފައިސާ ފޮނުވިފައިވާކަން އެނގުނީ އެހެން ދަރިވަރެއްގެ ފަރާތުންނެވެ.
އަންހެން ދަރިވަރުގެ މައްޗަށް ދައުލަތުން ސިވިލް ކޯޓުގައި ދައުވާ އުފުލާފައި ވަނީ، އިތުރަށް ފޮނުވުނު ފައިސާ އަނބުރާ ދެއްކުމަށް ނުވަ ފަހަރު ސިޓީ ފޮނުވުމުން ވެސް އެފައިސާ އަނބުރާ ދައްކާފައި ނުވާތީ ކަމަށް ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެ އެވެ.
އެހެންވެ، ދަރިވަރުންގެ ޣައިރު ހާޒިރުގައި އިއްޔެ އެ ކޯޓުން ހުކުމް ކޮށްފައި ވަނީ ހަތް ދުވަހުގެ ތެރޭގައި އެފައިސާ ދައުލަތަށް ދައްކައި ހަލާސް ކުރުމަށެވެ.