ރައީސް ވިދާޅުވީ ކޯސްޓްލައިން ކުންފުންޏާއެކު އެއްބަސްވުމަކަށް އަންނަން ވަރަށް އަވަހަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި، އެއާޕޯޓް ތަރައްގީކުރުމުގެ ނަތީޖާ މުޅި އަތޮޅަށާއި، ދަރަވަންދޫއަށް އަދި ރާއްޖޭގެ އިގްތިސޯދަށް ކުރާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންފައިވާ ގޮތަށް، ބ. ދަރަވަންދޫ އެއާޕޯޓް ތަރައްގީ ކުރުމަށް އައިލެންޑް އޭވިއޭޝަނާ ހަވާލުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދަރަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ރޭ ވިދާޅުވީ އެއާޕޯޓް ހެދުމަށްފަހު އެތަން އަޕްގްރޭޑް ކުރުމުގެ މާ ބޮޑު މަސައްކަތެއް މިހާ ހިސާބަށް ކޮށްފައި ނުވާ ކަމަށެވެ.
ދަރަވަންދޫ އެއާޕޯޓު އަޅާފައި ވަނީ ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސްއިންނެވެ. އެ ކުންފުންޏާ މަޝްވަރާ ކުރުމަށްފަހު ގާނޫނާއި ގަވާއިދުގެ ތެރެއިން އެތަން އިތުރަށް ތަރައްގީ ކުރުމަށް އައިލެންޑް އޭވިއޭޝަނާ ހަވާލުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ސަރުކާރުން މިތަނަށް އިންވެސްޓް ކޮށްދީފައިވާ ފަރާތް، މިތަން ޑިވެލޮޕްކޮށްދީފައިވާ ފަރާތާއެކީގަ މަޝްވަރާތައް ކުރިއަށް ގެންދާނަން، ގެންގޮސް އެ ފަރާތާ އެކީގައި ދެފަރާތަށް އެއްބަސްވެވޭފަދަ އެއްބަސްވުމަކަށް އައިސް، އެ އެއާޕޯޓް އެފަރާތުން ނަގައި އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށް، އައިލެންޑް އޭވިއޭޝަނުން އެތަން ސަރުކާރުން ބޭނުންވާ ފެންވަރަށް، ރައްޔިތުން ބޭނުންވާ ފެންވަރަށް ތަރައްގީކޮށް އޮޕަރޭޓް ކުރުމަށް ހަވާލުކުރަން ސަރުކާރުން ނިންމާފައިވާކަން އަޅުގަނޑު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޯސްޓްލައިން ކުންފުންޏާއެކު އެއްބަސްވުމަކަށް އަންނަން ވަރަށް އަވަހަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި، އެއާޕޯޓް ތަރައްގީކުރުމުގެ ނަތީޖާ މުޅި އަތޮޅަށާއި، ދަރަވަންދޫއަށް އަދި ރާއްޖޭގެ އިގްތިސޯދަށް ކުރާނެ ކަމަށެވެ.
ދަރަވަންދޫ އެއާޕޯޓަކީ މީގެ 13 އަހަރު ކުރިން، 2012 ވަނަ އަހަރު ހުޅުވި އެއާޕޯޓެކެވެ. އެ އަތޮޅަށް އަންނަ ފަތުރުވެރިންނާއި އަދި އެނޫންވެސް ގިނަ ބަޔަކު އެ އެއާޕޯޓް ބޭނުން ކުރެ އެވެ.