"ލާމަރުކަޒީ ނިޒާމް ވަރަށް ރަގަޅަށް އެނގޭ، ގާނޫނަށް ގެނައި އިސްލާހުތަކުން ފައިދާ ވާނީ ރައްޔިތުންނަށް"

"ލާމަރުކަޒީ ނިޒާމަކީ އަޅުގަނޑު ފުރިހަމައަށް ގަބޫލުކުރާ، އަދި އަޅުގަނޑު އަމަލީ ގޮތުން އެ ނިޒާމް ހިންގުމުގަ އުޅެފަ ހުރި މީހެއް،"

ރައީސް ޑރ. މުހައްމަދު މުއިއްޒު --

ލާމަރުކަޒީ ގާނޫނަށް މިފަހުން ގެނެސްފައިވާ އިސްލާހުތަކުގެ ސަބަބުން ކައުންސިލްތަކަށް ލިބޭ މާލީ ބާރުވެރިކަން ހަނިވެގެންދާ ކަމަށް ދެކެވޭ ވާހަކަތަކީ ރަގަޅު ވާހަކަތަކެއް ނޫން ކަމަށާއި، އެ އިސްލާހުތަކުގެ ސަބަބުން ފައިދާވާނީ ރައްޔިތުންނަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަށް ރައީސް ރައްދު ދެއްވާފައި ވަނީ މިރޭ ބ. ދަރަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

"ލާމަރުކަޒީ ނިޒާމަކީ އަޅުގަނޑު ފުރިހަމައަށް ގަބޫލުކުރާ، އަދި އަޅުގަނޑު އަމަލީ ގޮތުން އެ ނިޒާމް ހިންގުމުގަ އުޅެފަ ހުރި މީހެއް. މާލޭގަ ލާމަރުކަޒީ ނިޒާމް ވަރަށް ގިނަ ގޮންޖެހުންތަކާ އެކީގައި ހިންގަން މަސައްކަތް ކުރި މީހެއް. އަޅުގަނޑަށް އެނގޭ ލާމަރުކަޒީ ނިޒާމް އަލިފުން ޔާއަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ ފަޅީގައި އޮވެ ގެންނަ އިސްލާހުތަކަކީ ރައްޔިތުންނަށް ކޮށްދޭ ކަމެއް ނޫން ގޮތަށް ބައެއް ފަރާތްތަކުން ލޭބަލް ކުރާ ކަމަށެވެ. އެއީ އެކަން އޮންނަ ގޮތް ނޫން ކަމަށާއި، ކައުންސިލްތައް ހިންގަން ޖެހޭނީ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަމަށް ވިދާޅުވި އެވެ.

"މިހާރު ބައެއް ކައުންސިލްތަކުން އުފައްދާފަ އެބަހުރި ކައުންސިލްތަކަށް އުފެއްދޭނެ ކުންފުނި، ލޯކަލް އޮތޯރިޓީ ކޮމްޕެނީ އެއަށް ކިޔާނީ، މި ލޯކަލް އޮތޯރިޓީ ކުންފުނިތަކުން އެބަ ހިންގާ އާންމު ފަރުދުން ހިންގާ ކުދިކުދި ހިންގާ ކުދިކުދި ފިހާރަކަށް، ކަންމަތީ ފިހާރަތައް އެބަ ހިންގާ. އެހެން ހެދީމާ ރަށުގެ އާންމު ރައްޔިތުންގެ މުއްސަނދިކަމަށް އޮތް މަގުތަކަށް ހުރަސް އެޅެނީ،" ގާނޫނަށް ގެނައި އިސްލާހުތައް ތަފްސީލުކޮށްދެއްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކައުންސިލްތަކުގެ ކުންފުނިތަކަށް މި އިސްލާހާއެކު ކުރެވޭނީ މަދުވެގެން 10 މިލިއަން ރުފިޔާގެ އިންވެސްޓްމެންޓްތައް ކަމަށާއި، އެކަން އެގޮތަށް ބަދަލުކުރީ ކުދި ވިޔަފާރިތައް ހިމާޔަތް ކުރުމަށް ކަމަށެވެ.

ގާނޫނަށް ގެނެސްފައިވާ އަނެއް އިސްލާހު ތިލަކޮށްދެއްވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް އާންމު ހިދުމަތްދޭ ތަންތަނުގެ ބިމު ކުއްޔަށް ކައުންސިލްތަކުން ވަރަށް ބޮޑު ކުލި ނަގަމުންދާ ކަމަށެވެ. ބިލު ތަސްދީގު ކުރުމާއެކު އެފަދަ ތަންތަނުގެ ބިލު ކުލި ދެން ނުނެގޭނެ އެވެ.

ކައުންސިލްތަކުން އާމްދަނީ ހޯދުމަށްފަހު ޓެކްސް ނުދައްކާ މައްސަލަ ވަރަށް ބޮޑުވެފައިވާތީ، ޓެކްސް ދައްކަން ޖެހޭ ގޮތަށް ވެސް ގާނޫނު އިސްލާހު ކޮށްފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އަނެއް އިސްލާހަކީ ކައުންސިލްތަކުގެ އެކައުންޓްތަކަށް ވަންނަ ފައިސާގެ ތަފްސީލް ހާމަނުކުރުމެވެ.

ރައީސް ދަރަވަންދޫ ކައުންސިލާ ބައްދަލުކުރައްވަނީ --

"ރައްޔިތުންނަށް ވެސް ހާމަނުކުރަނީ، އެލްޖީއޭއަށް އަދި އަމުދުން ހާމަނުކުރަނީ، ދެފުށް ފެންނަ ގޮތެއް ނޫން މީކީ، ޗެކް އެންޑް ބެލެންސެއް ނެތް މިޔަކު، ޒިންމާދާރު ކަމެއް ނެތް. އެހެންވީމަ ރައްޔިތުން ހޮވާފަ ތިބޭ ކައުންސިލަރުން ރައްޔިތުންގެ ކައުންސިލްތައް ހިންގާއިރު އެ ހޯދާ އާމްދަނީ، އެކައުންޓަށް ޖަމާކުރާ ފައިސާގެ މައުލޫމާތު ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ހުށަހަޅަން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގާނޫނަށް ދެން އިސްލާހު ގެނެސްފައި ވަނީ ބައެއް ކައުންސިލްތަކުން އިންތިހާބާ ދިމާކޮށް ބިންތައް ކުއްޔަށް ދިނުމާއި، ކޮންޓްރެކްޓް އުސޫލުން މީހުންނަށް ވަޒީފާ ދިނުމާއި، ރަށު ތަރައްގީގެ ޕްލޭންގައި ނެތް މަޝްރޫއުތައް ފަށާތީ ކަމަށެވެ. އިންތިހާބު އަންނަ އަހަރަކަށް ވުމުން ލޯކަލް ގަނަވެމްޓް އޮތޯރިޓީގެ ހުއްދަ ހޯދަން ގާނޫނު އިސްލާހު ކުރީ، އެއީ ހަގީގަތުގައި ވެސް ކުރަން ޖެހޭ ކަމެއްތޯ "ޗެކް" ކޮށްލުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވީމަ މީގަ ކޮބާތޯ ރައްޔިތުން ބާރުވެރިކުރުވުން ނޫން ކަމެއް، ޗެކް އެންޑް ބެލެންސް ނިޒާމު ގެނައުން ނޫން ކަމެއް، ގުޑް ގަވަނަންސް ނޫން ކަމެއް، އަމިއްލަ ކުދިކުދި ވިޔަފާރިތައް ހިންގާ ފަރާތްތަކުގެ ކުދިކުދި ވިޔަފާރިތައް ހިމާޔަތް ކުރުން ނޫން ކަމެއް އަޅުގަނޑުމެން މި އިސްލާހުތަކުގެ ތެރޭގައި ނެތް ގެނެސްފަ އެއް. މީ ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށް، ޗެމްޕިއަން ކުރުމަށް ގެންނަން ޖެހޭ އިސްލާހުތަކެއް،" ރައީސް ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމުގެ ބިލު ފާސް ނުކުރުމަށް 50 އަށްވުރެ ގިނަ ކައުންސިލުން ގޮވާލާފައި ވަނިކޮށް މިދިޔަ ހަފްތާގެ ބުދަ ދުވަހު މަޖިލީހުން ވަނީ ބިލު ފާސްކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.