"އަޅުގަނޑު އެ 119 ގޯތީގެ ވެރިންނަށް މިއަދު ދޭ ޔަގީން ކަމަކީ އެކަން އަޅުގަނޑުމެން ކޮށްދޭނަމޭ،" ރައީސް ވިދާޅުވި އެވެ.
ބ. ތުޅާދޫ ރައްޔިތުން އަމިއްލައަށް ހިއްކާފައިވާ 100 އަށްވުރެ ގިނަ ގޯތި ރަޖިސްޓްރީ ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެކަން ރައީސް ހާމަކުރެއްވީ މިއަދު އެރަށަށް ވަޑައިގެން ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ކުރީގައި އެރަށު ރައްޔިތުން އަމިއްލައަށް ހިއްކާފައިވާ 119 ގޯއްޗެއް އަމިއްލަ ކުރެވޭނެ ގޮތެއް ނެތުމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެއީ ކުރީން ރާއްޖޭގައި ނުކުރާ ކަމެއް ނޫން ކަމަށާއި، އެބަޔަކު ހިއްކި ބިމެއް އެބަޔަކަށް ލިބުމަކީ ޖާއިޒު ވެސް ކަމެއް ކަމަށެވެ.
"އަޅުގަނޑު އެ 119 ގޯތީގެ ވެރިންނަށް މިއަދު ދޭ ޔަގީން ކަމަކީ އެކަން އަޅުގަނޑުމެން ކޮށްދޭނަމޭ،" ރައީސް ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީ އާއި ކަމާ ގުޅުން ހުރި އެހެން އިދާރާތަކާ ގުޅިގެން ރަށު ކައުންސިލުން އެކަން ކުރިއަށް ގެންދިއުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.
ރާއްޖޭގައި އެގޮތަށް އަމިއްލައަށް ހިއްކި ގޯތި މިލްކުކޮށްދީފައި ވަނީ 1980ގެ ކުރީކޮޅު މާލޭންނެވެ. އެއީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، މާލޭގެ އިރުމަތީ ކޮޅުން ހިއްކި ބިންތަކެކެވެ. އޭރު އެކަން ކުރީ އެއްބައި ސަރުކާރަށް އަދި އަނެއްބައި އެ ބިން ހިއްކި ބަޔަކަށް ލިބޭ ގޮތަށެވެ.
ނަމަވެސް ފަހުން އެމަނިކުފާނުގެ ވެރިކަމުގެ ތެރޭގައި އެކަން ވަނީ ހުއްޓާލައްވާފަ އެވެ. އަދި، މާލެ ފިޔަވައި އެގޮތަށް ބިން ހިއްކި އެއްވެސް ބަޔަކަށް ބިން މިލްކު ކޮށްދީފައެއް ނުވެ އެވެ.