"އަޅުގަނޑުމެންގެ ވިސްނުމަކީ، އުމުރުން 75 އަހަރުން މަތީގެ ހުރިހާ އެންމެންނަށް އަންނަ ހައްޖުގަ ފުރުސަތު ދިނުން ކޯޓާގެ ތެރެއިން،" މިނިސްޓަރު ހާމަކުރެއްވި އެވެ.
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ބޭނުންވާ، އުމުރުން 75 އަހަރުން މަތީގެ ހުރިހާ މީހުންނަށް، އަންނަ އަހަރު ހައްޖަށް ދިޔުމުގެ ފުރުސަތު ދޭނެކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މި އަހަރު ހައްޖުގެ އަޅުކަމަށް ކިޔު ތަރުތީބުން ގެންދިޔަ މީހުންގެ އަދަދު ސާފުކުރަން، ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސެއިން ޒިޔާދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން ޝަހީމް މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެންފައިވާއިރު، އިތުރު ސުވާލު ކުރަން ލިބުނު ފުރުސަތުގައި، މެމްބަރަކު ވަނީ އުމުރުން ދުވަސް މީހުންނަށް ހައްޖުގެ ކޯޓާގެ ތެރެއިން ހާއްސަ ފުރުސަތެއް ދިނުމާގުޅޭ ގޮތުން ސުވާލު ކުރައްވައިފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން، ހައްޖަށް ދާން ބޭނުންވާ 65 އަހަރުން މަތީގެ މީހުންނަށް ކޮންމެ އަހަރަކު ވެސް ހައްޖު ކޯޓާގެ ތެރެއިން ވަކި އިންސައްތައެއް ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ، އުމުރުން 75 އަހަރުން މަތީގެ ހުރިހާ އެންމެންނަށް އަންނަ ހައްޖުގަ ފުރުސަތު ދިނުން ކޯޓާގެ ތެރެއިން،" މިނިސްޓަރު ހާމަކުރެއްވި އެވެ.
ހައްޖު ކޯޕަރޭޝަންގެ އިސްވެރިންނާއި އެ ބޭފުޅުންގެ އާއިލާތަށް ހައްޖު ކޯޓާގެ ތެރެއިން ކިޔޫ ފަޅާފައި ފުރުސަތު ދިން ކަމަށް ދެކެވޭ ވާހަކަތައް މިއަދު މިނިސްޓަރު ވަނީ ދޮގު ކުރައްވާފަ އެވެ.
ޝަހީމް ވިދާޅުވީ ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ މީހުންގެ ލިސްޓުން އެއްވެސް މީހަކު އުނިކޮށްފައި ވެސް ނުވާނެ ކަމަށެވެ. ލިސްޓުގައި ތިބި މީހުން ފަހަތަށް ޖައްސަން ޖެހުނު ސަބަބަކީ، ކޮވިޑް-19ގެ ދުވަސްވަރު ތިން އަހަރު މީހުން ހައްޖަށް ގެންގޮސްފައި ނުވާތީ ކަމަށެވެ.
މެންބަރުން ކުރި އިތުރު ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ހައްޖު މިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ހައްޖު ކޯޓާގެ ތެރެއިން ދާ ބައެއް ނޫން ކަމަށެވެ. އޭގެ ތެރޭގައި ސަރުކާރުގެ އިސްވެރިންނާއި ޑޮކްޓަރުންފަދަ ފަރާތްތައް ހިމެނެ އެވެ. ނަމަވެސް ހައްޖު ކޯޕަރޭޝަންގެ ބޭފުޅުން ދަނީ ކޯޓާގެ ތެރެއިން ކަމަށްވިޔަސް، ހުރިހާ އިސްވެރިން ހައްޖަށް ނުދާ ކަމަށް ވެސް ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ ހައްޖު ކޯޓާ އިތުރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް ސައުދީގައި އުމްރާނީ އެކިއެކި މަޝްރޫއުތައް ކުރިއަށްދާތީ އެއްވެސް ގައުމަކަށް ކޯޓާ އިތުރުކޮށްނުދޭ ކަމަށާއި، ކޯޓާ އިތުރުކޮށްދޭނަމަ އެ ލިސްޓުގައި ރާއްޖެ ހިމެނޭނެ ކަމަށް ވެސް ވިދާޅުވި އެވެ.