ހައްޖު ކޯޕަރޭޝަނުން ހައްޖު ކޯޓާއިން ވައްކަމެއް ނުކުރޭ: ޝަހީމް

"ކޯޓާއާ ބެހޭ ގޮތުން ދެކެވޭ ހުރިހާ ވާހަކަތަކީ ހަގީގީ ވާހަކަތަކެއް ނޫން. އެއީ ވަރަށް އިންސާފުވެރިކަމާއެކު އުސޫލުތަކެއްގެ ދަށުން ދޫކުރާ އެއްޗެއް،" ޝަހީމް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ހައްޖު ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ޝަކީލް --

ރާއްޖޭން މީހުން ހައްޖަށް ގެންދިއުމަށް ސައުދީ އަރަބިއްޔާއިން ކަނޑައަޅާފައިވާ ކޯޓާގެ ތެރެއިން، އުސޫލާ ހިލާފަށް އެއްވެސް މީހަކަށް ހައްޖު ކޯޕަރޭޝަނުން ފުރުސަތު ދީފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ހައްޖު ކޯޕަރޭޝަންގެ އިސްވެރިންނާއި އެ ބޭފުޅުންގެ އާއިލާތަށް ހައްޖު ކޯޓާގެ ތެރެއިން ކިޔޫ ފަޅާފައި ފުރުސަތު ދިން ކަމަށް ދެކެވޭ ވާހަކަތައް މިއަދު މިނިސްޓަރު ވަނީ ދޮގު ކުރައްވާފަ އެވެ. 

ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ ވަކި މީހެއް އާއިލާއަކަށްވީތީ ހައްޖު ކޯޓާގެ ތެރެއިން ވެސް އަދި ސަރުކާރުން ރިޒާވް ކުރާ ކޯޓާއިން ވެސް ފުރުސަތު ނުދޭނެ ކަމަށެވެ. 

"ކޯޓާއާ ބެހޭ ގޮތުން ދެކެވޭ ހުރިހާ ވާހަކަތަކީ ހަގީގީ ވާހަކަތަކެއް ނޫން. އެއީ ވަރަށް އިންސާފުވެރިކަމާއެކު އުސޫލުތަކެއްގެ ދަށުން ދޫކުރާ އެއްޗެއް،" ޝަހީމް ވިދާޅުވި އެވެ. 

ހައްޖުގެ އަޅުކަމަށް ދާ މީހުންނަށް އެހީތެރިވުމަށް ގެންދާ މީހުންގެ ތެރޭގައި ވެސް ހައްޖު ކޯޕަރޭޝަންގެ ބޭފުޅުންނާ ގުޅުންހުރި މީހުން ގެންދާ ކަމަށް ދެކެވޭ ވާހަކަތައް ވެސް ޝަހީމް ވަނީ ދޮގު ކުރައްވާފަ އެވެ. ވިދާޅުވީ، އެހީތެރިން ނަގަނީ އިންޓަވިއުކޮށްގެން ކަމަށެވެ.

"ހައްޖު ކޯޓާއިން ވައްކަން ކުރުމަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް އެއީ. ހައްޖުގެ އެހީތެރިން ނެގުމުގަ ވަކި ކަހަލަ އުސޫލުތަކެއް ހައްޖު ކޯޕަރޭޝަނުން ކަނޑައަޅާފަ އޮވޭ، އިއުލާނުކޮށްގެން ކުރިމަތިލާ މީހުން އިންޓަވިއުކޮށްގެން، ގައިގައި ވަރުހުރި، މިފަދަ މީހުން އެހީތެރިންގެ ގޮތުގައި ގެންދަން މިޖެހެނީ،" އޭނާ ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

ޝަހީމް ވިދާޅުވީ ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ މީހުންގެ ލިސްޓުން އެއްވެސް މީހަކު އުނިކޮށްފައި ވެސް ނުވާނެ ކަމަށެވެ. ލިސްޓުގައި ތިބި މީހުން ފަހަތަށް ޖައްސަން ޖެހުނު ސަބަބަކީ، ކޮވިޑް-19ގެ ދުވަސްވަރު ތިން އަހަރު މީހުން ހައްޖަށް ގެންގޮސްފައި ނުވާތީ ކަމަށެވެ.

މެންބަރުން ކުރި އިތުރު ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ހައްޖު މިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ހައްޖު ކޯޓާގެ ތެރެއިން ދާ ބައެއް ނޫން ކަމަށެވެ. އޭގެ ތެރޭގައި ސަރުކާރުގެ އިސްވެރިންނާއި ޑޮކްޓަރުންފަދަ ފަރާތްތައް ހިމެނެ އެވެ. ނަމަވެސް ހައްޖު ކޯޕަރޭޝަންގެ ބޭފުޅުން ދަނީ ކޯޓާގެ ތެރެއިން ކަމަށްވިޔަސް، ހުރިހާ އިސްވެރިން ހައްޖަށް ނުދާ ކަމަށް ވެސް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ހައްޖު ކޯޓާ އިތުރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް ސައުދީގައި އުމްރާނީ އެކިއެކި މަޝްރޫއުތައް ކުރިއަށްދާތީ އެއްވެސް ގައުމަކަށް ކޯޓާ އިތުރުކޮށްނުދޭ ކަމަށާއި، ކޯޓާ އިތުރުކޮށްދޭނަމަ އެ ލިސްޓުގައި ރާއްޖެ ހިމެނޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.