ހައްޖުގެ އަގު ކުޑަކުރަން އައުގާފު އިންވެސްޓުމަންޓުތަކުން ލިބޭ ފައިސާގެ ބައެއް ހާއްސަކުރަނީ

ޝަހީމް ވިދާޅުވި ގޮތުގައި، އައުގާފް އާއި ވަގުފު އިންވެސްޓުމަންޓުތަކުން ލިބޭ އާމްދަނީން، ދައުލަތުން ދޭ ފައިސާއަށް ބަރޯސާނުވެ، މިސްކިތްތައް މަރާމާތު ކުރުމާއި ދީނީ ހަރަކާތްތައް ހިންގަން ބޭނުން ކުރެވޭނެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

ސަރުކާރުން އިސްނަގައިގެން، ފެށުމަށް މަސައްކަތް ކުރަމުން އަންނަ އައުގާފް އިންވެސްޓުމަންޓުތަކުން ލިބޭ އާމްދަނީގެ ބައެއް، ހައްޖުގެ އަޅުކަން އަދާކުރަން ރައްޔިތުން ދައްކާ އަގު ކުޑަކުރުމުގެ ވިސްނުން އެބަހުރި ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މި އަހަރު ހައްޖުގެ އަޅުކަމަށް ކިޔު ތަރުތީބުން ގެންދިޔަ މީހުންގެ އަދަދު ސާފުކުރަން، ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސެއިން ޒިޔާދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން ޝަހީމް މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެންފައިވާއިރު، އިތުރު ސުވާލު ކުރަން ލިބުނު ފުރުސަތުގައި، މެމްބަރަކު ވަނީ ހައްޖުގެ އަގު ކުޑަކުރަން ސަރުކާރުން ކުރާ މަސައްކަތާ ގުޅޭގޮތުން ސުވާލު ކުރައްވައިފަ އެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ، ހައްޖުގެ އަޅުކަން އަދާކުރުމަށް ހައްޖު ކޯޕަރޭޝަނަށް ދައްކާ އަގު ކުޑަކުރުމަށް މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ.

މިގޮތުން، އައުގާފް އިމާރާތްތައް އެޅުމަށް ބީއެމްއެލް އިސްލާމިކް އިން 350 މިލިއަން ރުފިޔާ މިހާރު ހަމަޖެހިފައިވާ ކަމަށާއި، އެ އިމާރާތްތައް އެޅި އާމްދަނީ ލިބެން ފެށުމުން، އަހަރަކު ގާތްގަނޑަކަށް 80 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެއްވޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެއާޕޯޓްގައި ހައްޖުވެރީންނާ އެކު

"އައުގާފު އިމާރާތްތަކުން އާމްދަނީ ލިބެން ފެށުމުން، އެ އާމްދަނީގެ ބައެއް ހައްޖުގެ އަގު ކުޑަކުރަން ބޭނުންކުރުމަށް މަޝްވަރާތައް ކުރެވެމުން އެބަދޭ،" އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން، ޝަހީމް ވިދާޅުވި ގޮތުގައި، އައުގާފް އާއި ވަގުފު އިންވެސްޓުމަންޓުތަކުން ލިބޭ އާމްދަނީން، ދައުލަތުން ދޭ ފައިސާއަށް ބަރޯސާނުވެ، މިސްކިތްތައް މަރާމާތު ކުރުމާއި ދީނީ ހަރަކާތްތައް ހިންގަން ބޭނުން ކުރެވޭނެ އެވެ.

ނަމަވެސް އެ ކަންކަން ކުރުމަށްޓަކައި، އައުގާފް އަދި ވަގުފު ފަންޑު މެނޭޖުކުރުމުގެ ގާނޫނުތަކެއް ވުޖޫދު ކުރަންޖެހޭ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.