ރައީސް ވިދާޅުވީ އާންމު ރައްޔިތުންކުރާ ވިޔަފާރިތަކަށްވެސް ބައެއް ކައުންސިލްތަކުން ވަންނަމުންދާ ކަމަށާއި، ލޯކަލް ކައުންސިލް ކުންފުނި އުފެއްދިނަމަވެސް އެ ވިޔަފާރިތަކަށް ވަދެގެން ނުވާނެ ކަމަށެވެ.
އާންމުންނަށް ކުރެވޭ ވިޔަފާރިތަކުގެ ތެރެއަށް، ލޯކަލް ކައުންސިލުތަކުން ނުވަނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.
ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ބ. ކެންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކައުންސިލްތަކުގެ މުނިސިޕަލް ޒިންމާތައް އަދާކުރުމުގައި އިހުލާސްތެރިކަމާއި އަމާނާތްތެރިވާންޖެހޭ ކަމަށެވެ.
ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނަށް ވަރަށްވެސް މުހިންމު ނިޒާމެއް ކަމަށާއި ސިޔާސީ ތައައްސުބުން އެއްކިބާވެ، ސަރުކާރާއެކު އެއްބައިވެ، ޒިންމާދާރުކޮށް ރައްޔިތުންނަށް ހިދުމަތްކުރުމުގައި ކައުންސިލްތަކުން ދެމިތިބުމަށް އެ މަނިކުފާނު އިލްތިމާސްކުރެއްވި އެވެ.
ރައީސް ވިދާޅުވީ އާންމު ރައްޔިތުންކުރާ ވިޔަފާރިތަކަށްވެސް ބައެއް ކައުންސިލްތަކުން ވަންނަމުންދާ ކަމަށާއި، ލޯކަލް ކައުންސިލް ކުންފުނި އުފެއްދިނަމަވެސް އެ ވިޔަފާރިތަކަށް ވަދެގެން ނުވާނެ ކަމަށެވެ.
ކައުންސިލްތަކުގެ ކުންފުނިތަކުން އެންމެ ކުދި އަދި ކުދި ވިޔަފާރިތަކަށްވަނުން ހުއްޓުވުމަށް ގެނައި ގާނޫނީ އިސްލާހުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރައީސް ވިދާޅުވި ގޮތުގައި އެފަދަ އިސްލާހެއް ގެނައީ، އަމިއްލަ ވިޔަފާރިވެރިންގެ ވިޔަފާރިތައް ހިމާޔަތްކޮށް، އެފަދަ ވިޔަފާރިވެރިންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ސަރުކާރުން އަބަދުވެސް އިސްކަންދޭނީ ރައްޔިތުންގެ ލާބައަށްކަމަށާއި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާއެކު ދެމިތިބުންކަމަށް ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި، ކެންދޫގެ ބިން ހިއްކުމާއި، ބަނދަރު އަޕްގްރޭޑްކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އިތުރުން، އެރަށުގެ ފެނާއި ނަރުދަމާގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވި އެވެ.
ބ. އަތޮޅަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގަތީ މިއަދު ހެނދުނު އެވެ. މި ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.