މަގުތައް ހަދާނީ ރައްޔިތުން ބޭނުންވާ ގޮތަށް، ތާރާއި ގާ އެޅުން މުހިންމެއް ނޫން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަމަދޫގައި ވާހަކަ ދައްކަވަނީ --

ތާރާއި ގާ އަޅައިގެން ރަށްރަށުގެ މަގުތައް ހެދުން ކޮންމެހެން ލާޒިމް ނޫން ކަމަށާއި، އެރަށެއްގެ މަގު ހަދާނީ ރައްޔިތުން ބޭނުންވާ ގޮތަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ބ. އަތޮޅަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ކަމަދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމްގައި ކުރިއަރަމުން އަންނަ ރަށްތަކުގައި ތާރު އަޅައިގެން ނުވަތަ ގާ އަތުރައިގެން މަގު ހެދުމަކީ އެމަނިކުފާނު ވެސް ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށެވެ.

"ގުދުރަތީ ރީތިކަން ބެލެހެއްޓޭ ގޮތަކަށް، ނޫނިއްޔާ ނެތިގެން ނުދާނެ ގޮތަކަށް މަގުތައް ހަދަން ޖެހޭ. [އެ ރަށެއްގެ] ރައްޔިތުން ބޭނުންވާ ގޮތަކަށް އަޅުގަނޑުމެން ކުރިއަށް ގެންދާނީ،" ރައީސް ވިދާޅުވި އެވެ. 

ރައީސް އެފަދައިން ވިދާޅުވެފައި ވަނީ ކަމަދޫ ކައުންސިލުން އެރަށުގެ މަގުތަކުގައި ތާރާއި ގާ އަތުރައިގެން މަގު ހަދަން ބޭނުން ނުވާ ކަމަށް ބުނުމުންނެވެ. އޭގެ އިތުރުން އެއަތޮޅު ކުޑަރިކިލު މަގުތަކުގައި ތާރު އަޅާތީ ވެސް އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައީސް ވިދާޅުވީ ކޮންމެހެން މާ ހާޑު ސާފޭސްއެއް ގޮތަށް ތާރު އަޅައި، ގާ އަތުރައިގެން މަގުތައް ހެދުމަކީ މުހިންމު ކަމެއް ނޫން ކަމަށާއި އެއީ އެހާ ރަނގަޅު ކަމެއް ވެސް ނޫން ކަމަށެވެ. 

"ރައްޔިތުން ބޭނުންވާ ގޮތަކަށް އަޅުގަނޑު ކުރިއަށްގެންދާނީ. ރައްޔިތުން ބޭނުންވެލައްވަނީ މަގުތައް ރީތިކޮށް ބޭއްވިފައި އެހެންނަމަވެސް ފެން ބަރާބަރަށް ހިންދޭ ޑްރެއިނެޖް ނިޒާމެއްގެ ތެރެއިން މަގުތައް ދެމެހެއްޓުން ކަމަށްވާކަމަށްވަންޏާ އެ ކޮންސެޕްޓުގައި އެކަން ކުރިއަށްދާނީ،" ރައީސް ވިދާޅުވި އެވެ.

ރަށްރަށުގެ މަގުތައް ހަދާއިރު، އިގްތިސޯދީ ގޮތުން ރަށްރަށަށް ކުރިއެރުން ލިބޭނެ ގޮތްތައް ބައްލަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.