ނާޒިމް ވިދާޅުވީ ހިޔާނާތުން ގެއްލުނު ފައިސާގެ ތެރެއިން 14.6 މިލިއަން ރުފިޔާ ބޭނުންކުރި މީހުން ހޯދިފައިވާ ކަމަށެވެ.
ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ ތެރެއިން ފައިސާ ލިބުނު ބައެއް މީހުން، ހެއްކާއި ގަރީނާ އާ އެކު ހޯދިފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖޭގެ ރަށްތަކާއި ފަޅުތައް ވިއްކައިގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގެ ތެރެއިން 1.4 ބިލިއަން ގެއްލިފައިވާ ކަމަށް އިދާރާތަކުން ވަނީ ބުނެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން، މި ސަރުކާރުން ކޮރަޕްޝަންގެ މައްސަލަތަކުގައި ފިޔަވަޅު ނާޅާ ކަމަށް ބުނެ މަޖިލީހުގެ އިދިކޮޅު ޕާޓީއަށް ނިސްބަތްވާ މެމްބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން، ނާޒިމް ވިދާޅުވީ ހިޔާނާތުން ގެއްލުނު ފައިސާގެ ތެރެއިން 14.6 މިލިއަން ރުފިޔާ ބޭނުންކުރި މީހުން ހޯދިފައިވާ ކަމަށެވެ.
"އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން 14.6 މިލިއަން ރުފިޔާ ވަނީ ފާހަގަކުރެވިފައި، އޮޑިޓު ތެރެއިން. އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން 14.6 މިލިއަން ރުފިޔާ ބޭނުންކުރި ފަރާތްތައް ހެއްކާއި ގަރީނާ އާއެކު އެއްވެސް ޝައްކެއް ނެތް މިންވަރަށް ހޯދިފައި،" ނާޒިމް ވިދާޅުވި އެވެ.
ނަމަވެސް، އެއީ ސީދާ ކޮން ބައެއް ކަމެއް ނާޒިމް ވިދާޅެއް ނުވެ އެވެ. އަދި އެ މީހުންނާ މެދު ފިޔަވަޅެއް އަޅާ ކަމެއް އަދި އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމެއް ވެސް އޭނާ ވިދާޅެއް ނުވެ އެވެ.