ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަގިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖޭން އަބަދުވެސް ތާއީދު ކުރާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އިސްރާއީލުގެ އިސްތިއުމާރީ ބާރުގެ ދަށަށް މުޅި ޣައްޒާ ގެންދާނެ ކަމަށް އިސްރާއީލުން ނިންމި ނިންމުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން މުޅި ޣައްޒާގެ ހިންގުން ފުރިހަމަ ބާރުގެ ދަށަށް ގެންދަން ނިންމަން އުޅޭކަމަށް އިސްރާއީލުން ހާމަކުރުމަކީ ބައިނަލްއަގުވާމީ ގާނޫނާ މުޅިންހިލާފު ކަމެއް ކަމަށެވެ. އަދި ފަލަސްތީނުގެ އަމިއްލަ ވެރިކަން ހިންގުމަށް އެޅޭ ހުރަހެއްކަމަށާއި ފަލަސްތީނުގެ ސިޔާދަތީ ބާރަށް އަރައިގަތުން ކަމުގައި ދިވެހި ސަރުކާރުން ދެކޭ ކަމަށެވެ.
"ދިވެހި ސަރުކާރުން ބައިނަލްއަގުވާމީ މުޖުތަމައުއަށް އިސްރާއީލުގެ މި ނިންމުން ތަންފީޒު ކުރުން ހުއްޓުވުމަށް އިސްރާއީލަށް މަޖުބޫރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލަން. އަދި އިސްރާއީލުން ފަލަސްތީނުގައި ހިންގާ އަނިޔާވެރި އަމަލުތައް ވަގުތުން ހުއްޓުވައި، އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތެއް ކުރުމަށްވެސް ގޮވާލަން،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަގިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖޭން އަބަދުވެސް ތާއީދު ކުރާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި އަދުލުވެރި، ސުލްހަވެރި ހައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަހައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގީއްލު ފަލަސްތީނު ދައުލަތެއް ގާއިމްކުރެވިގެންކަމުގައި ދިވެހިރާއްޖެއިން ދެކެން،" މިނިސްޓްރީން ބުންޏެވެ.