އޭގެ ތެރެއިން ދެ މީހެއްގެ ހާލު ދެރަވުމާ ގުޅިގެން އެމްއެންޑީއެފްގެ އެހީގައި ހދ. ކުޅުދުއްފުއްޓަށް ވަނީ ގެންގޮސްފަ އެވެ. އެ ދެމީހުންނަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ހދ. ކުމުންދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލައި، ކަނޑުވި ބަޔަކު އެމްއެންޑީއެފުން ސަލާމަތްކޮށްފި އެވެ.
ބަންޑުން ޖަހާލައިފައި ވަނީ ހަތަރު މީހުންނާއެކު ދަތުރުކުރި ލޯންޗެކެވެ. އެމްއެންޑީއެފުން ބުނީ އެ ލޯންޗު ބަންދު ޖަހައިލި ކަމުގެ ރިޕޯޓް ލިބުނީ ހެނދުނު 8:45 ހާއިރު ކަމަށެވެ.
މައުލޫމާތު ލިބުމާ އެކު، ކޯސްޓްގާޑު ހާބާކްރާފްޓް ލޯންޗު އެ ސަރަހައްދަށް ގޮސް، ކަނޑުވެފައި ތިބި ހަތަރު މީހުން ވަނީ ސަލާމަތްކޮށްފަ އެވެ.
އޭގެ ތެރެއިން ދެ މީހެއްގެ ހާލު ދެރަވުމާ ގުޅިގެން އެމްއެންޑީއެފްގެ އެހީގައި ހދ. ކުޅުދުއްފުއްޓަށް ވަނީ ގެންގޮސްފަ އެވެ. އެ ދެމީހުންނަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ލޯންޗުން ކަނޑުވި ބާކީ ދެ މީހުން، ވެރިފަރާތުން ފޮނުވި ސަޕްލައި ދޯންޏަކަށް ވަނީ ނަގާފަ އެވެ.
ކ. ގުރައިދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި ކަނޑުވި ބަޔަކު ވެސް ރޭ ވަނީ ސަލާމަތްކޮށްފަ އެވެ. ޒަމާނީ އައިލެންޑު ރިސޯޓު ކައިރިން ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ޑިންގީގައި ތިބި 17 ބިދޭސީން އެމްއެންޑީއެފުން ވަނީ ސަލާމަތް ކޮށްފަ އެވެ.
މި ދުވަސްވަރަކީ ކަނޑު ގަދަ ދުވަސްވަރެއް ކަމުން، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް، މޫސުމަށް ސަމާލުކަން ދިނުމަށް ކަމާ ގުޅުންހުރި ފަރާތްތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.