އަބްދުއްރަހީމް ވިދާޅުވީ، ސިއްރު ބައްދަލުވުމެއްގައި ދެކެވޭ ވާހަކަތައް، ލައިވްކޮށް ދައްކަމުންދަ މަޖިލީހުގެ ޖަލްސާއެއްގައި ހާމަކުރެއްވުމަކީ، މެމްބަރުން ކޮށްގެންވާނެކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ އަގު މަތިވުމުގެ މައްސަލަ ހައްލުކުރަން މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އަޅަމުން ގެންދާ ފިޔަވަޅުތައް ކިޔައިދޭން ގަވަރުނަރު އަހުމަދު މުނައްވަރު އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ދެއްކެވި ވާހަކަތައް، ކޮމިޓީގެ މެމްބަރުން މިއަދު ތަޅުމުގައި ދެއްކެވުމުން، އެކަން ނުކުރުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިލްތިމާސް ކުރައްވައިފި އެވެ.
ޑޮލަރުގެ މައްސަލަ ހައްލުކުރަން އަޅާ ފިޔަވަޅުތައް ކިޔައިދޭން ގަވަރުނަރު މުނައްވަރު މަޖިލީހަށް ވަޑައިގަތީ އެމްއެމްއޭއިން އަމިއްލަ ގޮތުން އިސް ނަގައިގެންނެވެ. މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އިއްޔެ ބޭއްވި ބައްދަލުވުން ސިއްރު ކުރަން އެ ކޮމެޓީން ނިންމި އެވެ.
ނަމަވެސް، އެ ކޮމިޓީގައި ގަވަރުނަރު ހާމަކުރެއްވި ބައެއް މައުލޫމާތުތައް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ތަޅުމުގައި ވާހަކަ ދައްކަވަމުން، އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ ހާމަކުރައްވައިފަ އެވެ.
މިގޮތުން، ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ގަވަރުނަރު އިއްޔެ ކޮމިޓީއަށް ވަޑައިގެން، ގައުމީ އުފެއްދުންތެރިކަން ދަށަށް ދާނެ ކަމާއި، އިންފްލޭޝަން މައްޗަށް ދިޔުން ފަދަ ވާހަކަތައް ހާމަކުރެއްވި ކަމަށެވެ.
"އަޅުގަނޑުމެން އިއްޔެ ވެސް ދެންނެވި ރައްޔިތުންނަށް ސިއްރުނުކޮށް އެ މައުލޫމާތުތައް ހާމަކޮށް ދެއްވާށޭ،" އޭނާ ވިދާޅުވި އެވެ.
ޝަމްހީދު އެ ވާހަކަތަކާ ގުޅިގެން، ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް ވިދާޅުވީ، ސިއްރު ބައްދަލުވުމެއްގައި ދެކެވޭ ވާހަކަތައް، ލައިވްކޮށް ދައްކަމުންދަ މަޖިލީހުގެ ޖަލްސާއެއްގައި ހާމަކުރެއްވުމަކީ، މެމްބަރުން ކޮށްގެންވާނެކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"ކުރިއަސް އޮތް ތަނުގައި ވެސް، ސިއްރު ކޮމިޓީއެއްގެ ދެކެވޭ ވާހަކަތައް އެގޮތަށް ހާމަކުރަމުން ނުގެންދިޔުމަށް. އެއީ އަޅުގަނޑުމެން މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމުގެ ގޮތުން ކުރަންޖެހޭ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.