މި އަމަލަކީ ބައިނަލްއަގުވާމީ ގާނޫނާއި، އިސްލާމީ މުގައްދަސް ބިނާތަކުގެ ހުރުމަތް ކަނޑާލުމުގެ އިތުރުން، އެފަދަ ތަންތަނުގެ ދީނީ އަދި ތާރީހީ ހައިސިއްޔަތު ބަދަލުކުރުމަށް ތަކުރާރުކޮށް އިޒްރޭލުން ކުރަމުންގެންދާ ނޭދެވޭ އަމަލެއް ކަމަށް ރާއްޖޭން ބުނި.
މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް ބިނާކަމުގައިވާ މަސްޖިދުލް އަގްސާގެ އިމުގެ ތެރެއަށް އިޒްރޭލުގެ ވަޒީރަކު ވަދެ، އަޅުކަންކޮށް، އެ މިސްކިތުގެ ހުރުމަތް ކެނޑުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
ދިވެހި ސަރުކާރުގެ ފަރާތުން ރޭ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިޒްރޭލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު، ބެން ގަވީރު ހިންގި މި އަމަލަކީ ބައިނަލްއަގުވާމީ ގާނޫނާއި، އިސްލާމީ މުގައްދަސް ބިނާތަކުގެ ހުރުމަތް ކަނޑާލުމުގެ އިތުރުން، އެފަދަ ތަންތަނުގެ ދީނީ އަދި ތާރީހީ ހައިސިއްޔަތު ބަދަލުކުރުމަށް ތަކުރާރުކޮށް އިޒްރޭލުން ކުރަމުންގެންދާ ނޭދެވޭ އަމަލެއް ކަމަށެވެ.
"އިޒްރޭލުން ކުރަމުން ގެންދާ ޣައިރު ގާނޫނީ އަމަލުތަކާއި، އިސްލާމީ މުގައްދަސު ތަންތަނުގެ ހުރުމަތް ކަނޑާލުމަށް ހިންގޭ އެންމެހާ އަމަލުތައް ވަގުތުން ހުއްޓާލުމަށް އިޒްރޭލަށް މަޖުބޫރުކުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހި ސަރުކާރުން ގޮވާލަމެވެ،" އެ ބަޔާނުގައި ބުންޏެވެ.
އަދި ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަގިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖޭން އަބަދުވެސް ތާއީދު ކުރާނެކަމުގެ ޔަގީންކަން އެ ބަޔާނުގައި ވަނީ ތަކުރާރުކޮށްފަ އެވެ.
މަސްޖިދުލްއަގްސާގެ ގޯތިތެރެއަށް ވަނުމުގެ ހުއްދަ ޔަހޫދީންނަށް ލިބިފައިވިޔަސް، އެތަނުގައި އަޅުކަން ކުރުން ވަނީ މަނާކޮށްފަ އެވެ.
ގަވީރު މީގެކުރިން ވެސް ވަނީ އެތައް ފަހަރެއްގެ މަތިން މަސްޖިދުލްއަގްސާއަށް ވަދެ މުސްލިމުންނަށް ފުރައްސާރަކޮށް، ގޯނާކޮށްފަ އެވެ.