އެހެންކަމުން، 76 އަށްވުރެ މަތިން ޕޮއިންޓް ލިބި، ފްލެޓް ކަނޑައަޅާފައިނުވާ މީހުންނަށް ފެލްޓް ހަމަޖައްސައިދިނުމަށްފަހު، 75 ޕޮއިންޓް ލިބުނު މީހުންގެ ފްލެޓާއި ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފްލެޓަށް ކުރިމަތިލި މީހުންގެ ތެރެއިން 76 ޕޮއިންޓަށްވުރެ މަތިން ލިބުނު ބަޔަކަށް ފްލެޓް ކަނޑަނާޅާ މައްސަލަ ފެންމަތިވުމާއެކު، އެމީހުންނަށް ފްލެޓް ހަމަޖައްސަމުންދާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
މި ސަރުކާރުން ގެދޮރުވެރިޔާ ސްކީމުގެ ފްލެޓުތައް ދޫކުރަމުން އަންނަނީ ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ނޮވެމްބަރު 15، 2023ގައި ގެޒެޓުކުރި ފައިނަލް ލިސްޓަށެވެ.
އެ ލިސްޓާއެކު އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައި ވަނީ ފްލެޓް ދޭ ފުރަތަމަ ބުރުގައި ތިން ކޮޓަރީގެ ފްލެޓް ލިބޭނީ 76 އިން ފެށިގެން މަތިން ޕޮއިންޓް ލިބޭ މީހުންނަށް ކަމަށެވެ. އެ މީހުންނަށް ފްލްޓް ކަނޑައެޅުމަށްފަހު ބާކީވާ ފްލެޓްތައް ލިބޭނީ 75 ޕޮއިންޓް ލިބިފައިވާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހުންނަށް ކަމަށެވެ.
އަދި، ފުރަތަމަ ބުރުގައި ދެ ކޮޓަރީގެ ފުލެޓް ލިބެނީ 73 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ މީހުންނަށް ކަމަށް ވެސް އިއުލާނުގައިވެ އެވެ.
މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ 76 އަށްވުރެ މަތިން ޕޮއިންޓް ލިބިފައިވާ ބައެއް މީހުންގެ ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެ މީހުންގެ ފްލެޓް ކަނޑައަޅާފައި ނުވަނީސް، 75 އަށްވުރެ މަތިން ޕޮއިންޓް ލިބުނު ބައެއް މީހުންނަށް ލިބޭ ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުނަގައި، އެފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން، 76 އަށްވުރެ މަތިން ޕޮއިންޓް ލިބި، ފްލެޓް ކަނޑައަޅާފައިނުވާ މީހުންނަށް ފެލްޓް ހަމަޖައްސައިދިނުމަށްފަހު، 75 ޕޮއިންޓް ލިބުނު މީހުންގެ ފްލެޓާއި ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ސަރުކާރުން އެންމެ ފުރަތަމަ ނިންމާފައި ވަނީ ކުރީ ސަރުކާރުން ނެރުނު ލިސްޓަށް ފްލެޓް ނުދިނުމަށެވެ. ނަމަވެސް ފަހުން ނިންމާފައި ވަނީ އެ ލިސްޓާ އެއްގޮތަށް ފްލެޓް ދިނުމަށެވެ.