މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން އިއުލާނުކުރެއްވި ގޮތުގައި، މާލިއްޔަތު ކޮމެޓީގައި އިންނެވި ޝުޖާއުގެ ބަދަލުގައި ގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަނާން މުހައްމަދު ރަޝީދު ހަމަޖައްސާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ހިންގާފައިވާ ބައެއް މުއާމަލާތްތަކަކާ ބެހޭ ރިޕޯޓުގެ މައްސަލަ ފުލުހުން ބަލަމުންދަނިކޮށް، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ޝުޖާއު ވަކިކޮށްފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން އިއުލާނުކުރެއްވި ގޮތުގައި، މާލިއްޔަތު ކޮމެޓީގައި އިންނެވި ޝުޖާއުގެ ބަދަލުގައި ގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަނާން މުހައްމަދު ރަޝީދު ހަމަޖައްސާފަ އެވެ.
ޝުޖާއު މާލިއްޔަތު ކޮމިޓީން ވަކިކޮށް، ލާފައިވަނީ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމެޓީ އަށެވެ.
ސޯޝަލް މީޑިޔާގައި އާންމުވެފައިވާ އެ ރިޕޯޓުން ފެންނަ ގޮތުގައި ނޮވެމްބަރު 1، 2023 އިން ޖެނުއަރީ 2024 އަށް ޝުޖާއު އާއި އާއިލާގެ ހިއްސާ އޮންނަ ކުންފުނިތަކަށް ސަރުކާރުގެ އެކި އިދާރާތަކުން 42.5 މިލިއަން ރުފިޔާ އެކި އިވެންޓުތަކާ ގުޅުވައިގެން ދީފައި ވެ އެވެ.
ފުލުހުން އިއްޔެ ވަނީ ޝުޖާއަށް ތުހުމަތު ކުރެވޭ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.
ލީކުކުރި ރިޕޯޓާ ގުޅޭ ގޮތުން ޝުޖާއު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވެފައި ވަނީ، އެ ރިޕޯޓަކީ ސައްހަ އެއްޗެއް ކަމެއް ނުވަތަ ނޫން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެއްވެސް ރަސްމީ އިދާރާއަކުން އެކަމުގެ މައުލޫމާތު ރަސްމީކޮށް ލިބިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ރިޕޯޓު ލީކުވެފައިވަނިކޮށް، ފައިނޭންޝަލް ފްރޯޑްތައް ދެނެގަންނަން މަރުކަޒީ ބޭންކުގައި އޮންނަ، ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ ވެރިޔާ އަބްދުﷲ އަޝްރަފް ވަނީ އެ ޔުނިޓުން ވަކިކޮށްފަ އެވެ.
ނަމަވެސް، ދަ މިރާ އަށް އެނގިފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ބޮޑު ކޮރަޕްޝަނާ ބެހޭ ގޮތުން އެންޓިކޮރަޕްޝަނުން އެކުލަވާލި ރިޕޯޓުގައި ވެސް އިހުމާލުގެ ތުހުމަތު އިނގިލި ދިއްކުރި އޭރުގެ އެފްއައިޔޫ ހިންގުމާ ހަވާލުވެ ހުންނެވި އިސްވެރިޔާ އަޝްރަފް އެތަނުން އިއްޔެ ބަދަލު ކުރަން ނޯޓިސް ދީފައި ވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު އެވެ.
އެހެންވެ، ބެލެވޭ ގޮތުގައި ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ހިންގާފައިވާ ބައެއް މުއާމަލާތްތަކަކާ ބެހޭ ރިޕޯޓް ލީކުކޮށްލާފައިވަނީ މަގާމު ބަދަލު ކުރާނެކަން ޔަގީންވުމުންނެވެ. ކާކުކަން ނޭނގޭ ގޮތަށް ހިންގާ ސޯޝަލް މީޑިއާ ޗެނަލްތަކުން އެ ރިޕޯޓް ލީކުކޮށްލީ މިމަހުގެ ދެވަނަ ދުވަހު އެވެ.