ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ރަށްތައް ތަރައްގީ ކުރުމުގެ ބާރުތައް ރަށު ރައްޔިތުންނަށް ނުދީ މައި ސަރުކާރުން ހިފެހެއްޓުމަކީ ބޮޑު ބޭއިންސާފެއް ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ މާލީ ބާރުވެރިކަން ވަރަށް ބޮޑަށް ހަނިވާ ގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު އަނބުރާ ގެންދިއުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.
ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މި އިސްލާހާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ސޯލިހު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފެހި ގާނޫނު އަސާސީއިން ރައްޔިތުންގެ ތަރައްގީއަށް މަގުފަހިވި ނިޒާމީ އެންމެ މުހިއްމު އެއްބަދަލަކީ ލާމަރުކަޒީ ނިޒާމު ގާއިމުވުން ކަމަށެވެ.
"އެކި ވެރިކަމުގައި އެ ބާރުތަކާއި ވަސީލަތްތައް ހަނިކޮށް، ފުޅާކުރަމުން އައިސް 2019 ވަނަ އަހަރު ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުތަކަކީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ސިޔާސީ ހުރިހާ ފިކުރުތަކުގެ ތާއީދާވެސް އެކު ފާސްކޮށް އަމަލުކުރަމުން އައި އިސްލާހުތަކެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ރަށްތައް ތަރައްގީ ކުރުމުގެ ބާރުތައް ރަށު ރައްޔިތުންނަށް ނުދީ މައި ސަރުކާރުން ހިފެހެއްޓުމަކީ ބޮޑު ބޭއިންސާފެއް ކަމަށެވެ.
"ކޮންމެ ރަށެއްގެ އިހުތިސޯސް މިހާރު ކަނޑައެޅި، ދައުލަތުގެ އާމްދަނީގެ ވަކި މިންވަރެއް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ލިބި، ކައުންސިލްތަކަށް ވަކި އުސޫލެއްގެ ތެރެއިން ވިޔަފާރި ކުރެވޭނެ ހުއްދަތައް ދިނުމުގެ ހެޔޮ ނަތީޖާ ފެންނާން ފަށައިފި. ކައުންސިލްތައް ފުދުންތެރިވާން ފަށައިފި،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ 2019 ވަނަ އަހަރު އެ ގާނޫނަށް ގެނައި ހެޔޮ ބަދަލުތައް ފެންނަން ފަށާފައިވާ މި ޅަފަތުގެ ވަގުތު އަނެއްކާވެސް މަރުކަޒީ ވިސްނުމުގައި، ސިޔާސީ ބޭނުމަށް ނިޒާމު ގަޑުބަޑު ކުރުމުގެ ހިތި ނަތީޖާ ލިބޭނީ ރަށު ރައްޔިތުންނަށް ކަމަށެވެ.
"މިކަމާ މެދު އަލުން ވިސްނަވައި، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތައް އަނބުރާ ގެނދިއުމަށް ގޮވާލަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން އެވެ.
ބިލު ހުށަހެޅި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ ދާއިރާގެ ގާނޫނު ކަނޑައެޅުމާއި، ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި އަމަލުކުރަން ޖެހޭ އުސޫލުތައް މުރާޖައާ ކުރުމަށް ކަމަށެވެ.
އޭގެ އިތުރުން، ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުގެ މުހިންމު މާލީ ކަންކަން ނިންމުމުގެ އަމަލުކުރަން ޖެހޭ އުސޫލު ބަޔާން ކުރުން ވެސް ގާނޫނު އިސްލާހު ކުރާ ސަބަބުތަކުގެ ތެރޭގައި ބަޔާންކޮށްފައިވެ އެވެ.