ދެވަނަ ތިން މަހު އެންމެ ގިނައިން ޑޮލަރު ލިބުނީ އެޕްރީލް މަހު އެވެ. ޓެކްސް ބޮޑު ކުރުމުން ޑިޗާޕާ ޓެކުހުން ޑޮލަރު އިތުރުވީ ހަތް ޕަސެންޓެވެ. އަދި ގްރީން ޓެކުހަށް 22.08 މިލިއަން ޑޮލަރުގެ އިތުރުވި އެވެ.
މި އަހަރު ނިމިދިޔަ ދެވަނަ ކުއާޓަރުގައި ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ %46.8 އިތުރު ވެގެން ދިޔަ ކަމަށް ދައްކައިފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާ (މީރާ) ގެ ރަސްމީ މައުލޫމާތުތައް ދައްކާ ގޮތުން މި އަހަރުގެ ނިމިދިޔަ ތިން މަހު ދައުލަތަށް ޑޮލަރުން އާމްދަނީގެ ގޮތުގައި 348.58 މިލިއަން ޑޮލަރު ވަނީ ލިބިފ އެވެ. މިއީ މިދިޔަަ އަހަރުގެ މި މުއްދަތުގައި ލިބުނު 268.26 މިލިއަން ޑޮލަރާ އަޅާ ކިޔާނަމަ %46.8 ގެ އިތުރުވުމެކެވެ.
މިދިޔަ ކުއާޓަރުގައި ޑޮލަރުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ މި މުއްދަތުގައި ޓޫރިޒަމަށް % 11.4ގެ އިތުރުވުމެއް ލިބުމެވެ.
ޓެކުސް މަތި ކުރުމުގެ ނަތީޖާ - ޑޮލަރުން ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ ބައެއް ޓެކްސް ރޭޓުތައް މަތިކުރުމެވެ. މިގޮތުން އެއާޕޯޓް ޑިވްލޮޕްމަންޓް ފީއިން މި އަހަރު 21.96 މިލިއަން ޑޮލަރު ލިބިފައިވާއިރު މި ޓެކުސް ރޭޓަށް ގިންތިކޮށް ސަރުކާރުން ވަނީ 1، ޑިސެމްބަރު 2024 ގައި ބަދަލު ގެނެސްފަ އެވެ. މި ބަދަލާއެކު ހަތް ޕަސެންޓުގެ އިތުރުވުމެއް ފާހަގަވެ އެވެ. އަދި ގްރީން ޓެކްސް ނަގާ ރޭޓް 1. ޖެނުއަރީ 2025 ގައި ބޮޑު ކުރުމާއެކު މި ޓެކުހުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި 22.08 މިލިއަން ޑޮލަރުގެ އިތުރުވުމެއް ފާހަގަވެ އެވެ.
ނިމިދިޔަ ތިން މަސް މިދިޔަ އަހަރުގެ ތިން މަހަށް އަޅާނަމަ ވެސް ޑޮލަރުގެ އާމްދަނީ އިތުރުވެފައިވާކަން ފާހަގަކުރެވެ އެވެ. މިދިޔަ ތިން މަހަށް ބަލާއިރު ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އެޕްރީލް މަހު އެވެ. އެ މަހު 127.14 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. މި އަދަދު 2024 ގެ އޭޕްރީލް މަހު ހުރީ 92.50 މިލިއަން ޑޮލަރުގަ އެވެ. މިއީ %37.5 ގެ އިތުރުވުމެކެވެ. އަދި މި އަހަރު މެއި މަހު 104.71 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މިދިޔަ އަހަރު ލިބުނީ 66.95 މިލިއަން ޑޮލަރެވެ. މިއީ %56.4 ގެ އިތުރުވުމެކެވެ. އަދި މި އަހަރުގެ ޖޫން މަހު 116.73 މިލިއަން ޑޮލަރު ލިބުނެވެ. މިދިޔަ އަހަރު ލިބުނީ 78.03 މިލިއަން ޑޮލަރެވެ. މިއީ % 49 ގެ އިތުރުވުމެކެވެ.