ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި، ރޭ ފުރާވަޑައިގެންފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް، ޑިސަނާޔަކެ، ރާއްޖެ ވަޑައިގަތުމުން ދިވެހި ސަރުކާރުން އެ މަނިކުފާނަށް ވަނީ ރަސްމީގޮތުން މަރްހާބާ ދަންނަވާފަ އެވެ. އަދި މި ދަތުރުފުޅުގައި ރައީސް މުއިއްޒު އާއެކު ރަސްމީ މަޝްވަރާތައް ކުރައްވައި، ދެ ގައުމުގެ މެދުގައި މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ފަހުމުނާމާއަކާއި މުއާހަދާއެއްގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޑިސަނާޔަކެ ބައިވެރިވެވަޑައިގެންފައި ވެ އެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ އަޒުމް އާ ކުރައްވަމުން ދެ ގައުމުގެ ވެރިން ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވާފަ އެވެ.
އަދި ލަންކާގެ ރައީސްގެ ޝަރަފުގައި، ރައީސް މުއިއްޒު ފުރަމާނަ ޖާފަތެއްވެސް ވަނީ ދެއްވާފަ އެވެ. މި ދަތުރުފުޅުގެ ތެރެއިން ކެބިނެޓުގެ ބައެއް ވަޒީރުންނާއި ދައުލަތުގެ އިސްވެރިން ސްރީލަންކާގެ ރައީސްގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތް ކުރައްވާފައި ވެ އެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރެއްވި މި ދަތުރުފުޅުގައި، ޑިސަނަޔަކެ އިއްޔެ ވަނީ ރާއްޖޭގައި ދިރިއުޅޭ ލަންކާ ރައްޔިތުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ.
އަދި ލަންކާގައި ހުރި އިންވެސްޓުމަންޓުތަކުގެ ފުރުސަތުތަކުގެ މައުލޫމާތު ދިވެހި ވިޔަފާރިވެރިންނަށް ދިނުމަށް، ރާއްޖޭގައި ހުންނަ ލަންކާ ހައި ކޮމިޝަނުން އިންތިޒާމުކޮށްގެން ހޮޓެލް ޖެންގައި ބޭއްވި ބިޒްނަސް ފޯރަމެއްގައި ވެސް ރައީސް ޑިސަނަޔަކެ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މިއީ ލަންކާގެ ރައީސް ޑިސަނާޔަކެ، މިދިޔަ ސެޕްޓެމްބަރު މަހު އެ ގައުމުގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. ރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1965 ވަނަ އަހަރުގަ އެވެ. އަދި މި އަހަރަކީ މި ގުޅުމަށް 60 އަހަރު ފުރޭ ތާރީހީ މުނާސަބާ ފާހަގަކުރާ އަހަރުވެސްމެ އެވެ.